ގެސްޓު ހައުސްގެ ސިޔާސަތަކީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ހިޔާލަކުން ގެނައި ގަރާރެއް ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގެސްޓު ހައުސް ސިޔާސަތުގެ ގަރާރު ގެނެސްފައިވާއިރު ފުރަތަމަ އެ ގަރާރު ހުށަހެޅުމާއެކު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލާފައި ވާކަމަށެވެ.

"މިއަދު ރާއްޖޭގައި ހިނގާ ގެސްޓުހައުސްގެ ސިޔާސަތަކީ 2005 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އޭރު ތިއްބެވި މީހުންގެ މެދުގައި ކުރެވުނު ހިޔާލަކާ ގުޅިގެން އަޅުގަނޑުމެންގެ ތެރެއިން ގެނައި ގަރާރެއް. ފުރަތަމަ ފަހަރަށް އެ ގަރާރު 16 ވަނަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލި. ދެން އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ވެއްދުނީ 16 ވަނަ ރައްޔިތުންގެ މަޖިލީސް ނިމެން އުޅެނިކޮށް،" އޭނާ ވިދާޅުވި އެވެ.

އޭރުގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިހާބުގެ ނަމުގައި ހުށަހެޅުއްވި ގަރާރުގެ ބޭނުމަކީ އޭރު ޓޫރިޒަމް ދާއިރާގެ މީހުންނަށް ހުރިހާ ފައިދާތަކެއްވެ އާންމުންނަށް ގެއްލުންތައް ވާތީ ކަމަށްވެސް މޫސާ މަނިކު ވިދާޅުވި އެވެ.

ގްރީން ޓެކްސް ނެގުމާ މެދު މޫސާ މަނިކު ވިދާޅުވީ އެ ޓެކްސް ނެގުމަށް ތާއިދު ކުރައްވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ގްރީން ޓެކްސް ނެގުމަށްޓަކައި ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަތުން ނެގުމަށް ހަމަޖެހިފައިވާ ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ޓޫރިސްޓު ގެސްޓުހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އަތުން އެ ޓެކްސް ނުނަގާނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.