ރާއްޖޭގެ ގަވާއިދުތަކާއި ސިޔާސަތުތައް ހެދިގެންދާއިރު، ޒުވާނުން އެކަންކަމުގައި ދެކޭގޮތް ބަލައި ދެނެގަންނަންޖެހޭ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޔޫތް ލީޑާޝިޕް ޕްރޮގްރާމް ފެށުމަށް މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ގައުމެއް އަދި ސަރުކާރެއްގެ ހައިސިއްޔަތުން ޒުވާނުންނަށް އިތުރު ފުރުސަތުތައް ހުޅުވައިދީ މިހާރު ދީފައިވާ ފުރުސަތުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

ޒުވާނުންގެ ވިސްނުމަކީ ކޮބައިކަން ބަލައި އެ ވިސްނުންތަކަށް ބިނާކޮށް ގަވާއިދުތަކާއި ސިޔާސަތުތައް ހެދުމަށް އިސްކަންދިނުމަކީ މުހިއްމު ކަމެއް ކަމުގައި ވެސް ބަންޑަރަ ނައިބު ވިދާޅުވިއެވެ.

"އަޅުނގަޑުމެން ދެކޭގޮތުގައި ޒުވާނުންނަށް އެންމެ ރަނގަޅީ މިވެނި ކަމެކޭ އެވެނި ކަމެކޭ ބުނާއިރު، ހަމައެއާއެކު ޒުވާނުން އެކަމާމެދު ދެކެނީ ކިހިނެތްކަން، ދެކޭގޮތް ދެނެގަންނަން މުހިއްމު. ދެނެގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އިތުރަށް ހަރުދަނާކުރުން މުހިއްމު،" ބަންޑާރަ ނައިބް ވިދާޅުވި އެވެ.

މިއަދުގެ ހަގީގީ ބާރުވެރިންނަކީ "ޅަ ޒުވާނުން" ކަމަށާއި "ޅަ ޒުވާނުން" ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ހޯދައިދީ، އެފަދަ ފުރުސަތުތައް ހުޅުވާލަންޖެހޭ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ޒުވާނުންގެ އަޑު އިއްވުމުގެ ގޮތުން ޒުވާނުންގެ ކަންބޮޑުވުންތައް ހިމަނާފައިވާ އަތްމަތީފޮތެއް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ނެރެފައެވެ. އެ ފޮތް ނެރެދެއްވީ ބަންޑާރަ ނައިބެވެ.
އެ ފޮތުގައިވާ ކަންތައްތައް، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި 'ޕޮލިސީ22' ގެ ނަމުގައި ކެމްޕޭނެއް ވެސް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.

ޔޫތް ލީޑާޝިޕް ޕްރޮގްރާމަކީ ކަންކަމަށް އިސްނެގުމުގެ ރޫހާއި ދިވެހި މުޖުތަމައުގައި ހިނގާ އެކިއެކި މައްސަލަތަކަށް ޒުވާނުން އަހުލުވެރިކުރުވައި މުއާމަލާތު ކުރުމުގެ ހުނަރު ތަރައްގީކޮށް ފަރުދީ ޒިންމާތަކާއި ހައްގުތަކަށާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކާއި ރައްޔިތުންގެ މަޖިލީސް ހިންގާގޮތާމެދު ޒުވާނުން ހޭލުންތެރިކުރުވުމަށް ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ އަދި ޔޫއެންއެފްޕީއޭއާ ގުޅިގެން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.

އެއް ހަފްތާގެ މުއްދަތަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި ޔޫތް ލީޑާޝިޕްގެ ފަސް ވަނަ ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅަކުން 40 ކުދިން ބައިވެރިވެފައިވެ އެވެ.