ފަތުރުވެރިކަމުގެ ދާއިރާ އިން ގްރީން ޓެކްސް ނެގުމަށްޓަކައި ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ރާއްޖޭގައި ހިންގާ ޓުއަރިސްޓު ރިސޯޓްތަކާއި ޓުއަރިސްޓު ހޮޓާތަކާއި ޓުއަރިސްޓު އުނޅަދުތަކަށް އަންނަ ޓުއަރިސްޓުން އެއިންތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން ކޮންމެ މީހެއްގެ އަތުން ގްރީން ޓެކްސްއެއް ދައުލަތަށް ނެގޭނެ ކަމަށެވެ.

ޚަލީލު ހުށަހެޅުއްވި ބިލްގައިވާގޮތުން ރާއްޖެ އަށް އަންނަ ޓުއަރިސްޓުންގެ އަތުން ނެގުމަށް ހަމަޖެހިފައިވާ ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ޓުއަރިސްޓު ގެސްޓުހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އަތުން އެ ޓެކްސް ނުނަގާނެ ކަމަށް ވެސް އެ ބިލްގައި ވެއެވެ.