ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާ ދެމެދު އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެެވެ.

އދ.ގެ އޭޝިއާ-ޕެސިފިކް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ސްރީ ލަންކާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ މޫސަ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމުން އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފައެވެ.

ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ތިކަހަލަ މައުލޫމާތެއް ނުލިބޭ. މިއަދުވެސް އަޅުގަނޑާއި މޫސައާ ވަރަށް ދިގުކޮށް ވާހަކަދެއްކިން. އަދި އޭގެ ކުރީ ދުވަހު ވެސް ދެއްކިން. އަދި އިއްޔެ ކެއީވެސް އަޅުގަނޑުމެން އެކީގައި" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް މިފަަހަކަށް އައިސް މޫސަ ރައީސް ނަޝީދާ ދެކޮޅަށް ވާހަކަދައްކާ ކަން ފާހަގަކޮށްލެވެ އެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ވާހަކަފުޅުތައް ދައްކަވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ މެމްބަރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ރީކޯ މޫސަ ވިދާޅުވީ، އެމްޑީޕީގެ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޕާޓީއަށް ތާއީދު ކުރާ މީހަކަށް ވިޔަސް، ތަނެއްގައި އެމީހަކު ދައްކާ ވާހަކައަކީ މުޅި އެމްޑީޕީގެ ފިކުރު ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން ޓޫރިޒަމް ބޮއިކޮޓް ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.