ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިދުމަތް އަންނަ މާޗް މަހުގެ އަށް ވަނަ ދުވަހު ފަށާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބޭންކިންގެ ހިދުމަތް ދިނުމަށް ނިންމާފައިވާ އެ ބޭންކުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު އެ ބެންކުގެ މައި އިދާރާގައި ބޭއްވި ނޫސްކޮންފަރެންސްގައި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ހާރިތް ހާރޫން ވިދާޅުވީ އެ ބޭންކަށް ރާއްޖޭގައި ހިދުމަތް ދިނުމުގެ ހުއްދަ މިދިޔަ އޯގަސްޓް މަހު ސަރުކާރުން ދިން ހިސާބުން މުވައްޒިފުން ތަމްރީން ކުރުމާއި ބޭންކުގެ ހިދުމަތްތައް ފުރިހަމަ ގޮތުގައި ރާއްޖޭގެ މާހައުލާއި ގުޅޭނެ ގޮތަށް ދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ހާރޫން ވިދާޅުވީ އެ މަސައްކަތެއް ނިމި އަންނަ މާޗް މަހުގެ ހަތްވަނަ ދުވަހު ބޭންކް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ. އެދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ބޭންކުގެ ހިދުމަތް ފަށާނީ ޖެހިގެން އަންނަ، އަށް ވަނަ ދުވަހު ކަމަށް ވެސް ހާރޫން ވިދާޅުވި އެވެ.

"ވޭތުވެ ދިޔަ ދުވަސްތަކުގެތެރޭ ދުނިޔޭގައި އިސްލާމިކް ބޭންކުތައް ހިނގާ ގޮތާއި އެކަމަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް ހިދުމަތް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށް މި ގެންދެވުނީ. އެގޮތުން މުވައްޒިފުން ވެސް މިހާރު ތަމްރީން ކުރަމުން މިދަނީ. ފަރުދާގެ ފުރަގަހުގަ ވަރަށް ބުރަ މަސައްކަތްތަކެއް ހިނގަމުން ދިޔައީ. ބޭންކުގެ ކަންތައްތައް ވަރަށް ރަނގަޅަށް ކުރިއަށް މިދަނީ. އަހަރުމެން މި ބެންކު ހުޅުވަން ހިޔާރު މިކުރީ އަންނަ މާޗްމަހުގެ އަށްވަނަ ދުވަސް. އެއީ ދިވެހިންނަށް ވަރަށް ހާއްސަ ދުވަހަކަށްވާނެ. އެއީ ރާއްޖެ އިސްލާމްވި ދުވަސް. ބެންކިން ހިދުމަތްތައް ފުރަތަމަ އޮންނާނީ ޖެހިގެން އަންނަ ދުވަހު އެއީ މާޗް އަށްވަނަ ދުވަހު،" ހާރޫން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އައްސަދު ވެސް ބައިވެރިވެ ވަޑައިގަތް ނިއުސް ކޮންފަރެންސްގައި އެ ބެންކަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާ ލައްވަމުން އައްސަދު ވިދާޅުވީ އެމްއައިބީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ބެންކަށް އަމިއްލަ ބިމެއް ލިބިފައި ނެތުންކަމަށެވެ. އަދި އެމްއައިބީއަކީ ތަފާތުގޮތަކަށް ހިނގާ ބޭންކަކަށްވުމުން ދުވަހުން ދުވަހަށް ބޭންކަށް ލިބޭ ފައިސާ ރައްކާކުރާނެ ނިޒާމެއް ނެތުމަކީ އެމްއައިބީއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.

ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ 85 ޕަސެންޓް އަދި ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާވެގެން ހުޅުވާ ފުރަތަމަ އިސްލާމިކް ބޭންކުގެ ހިއްސާ އާންމު ފަރާތްތަކަށް ވިއްކަން ގަސްތުކޮށްފައިވާކަން ހާމަކުރައްވަމުން އައްސަދު ވިދާޅުވީ އެ ބޭންކުންގައި މިހާރު އޮތް ސަރުކާރުގެ ހިއްސާ ފަސް ޕަސެންޓަށް ކުޑަ ކުރާނެ ކަމަށެވެ. އަދި އައިސީޑީގެ ހިޔާލު ހުރީ ވެސް އެގޮތަށް ކަމަށް އައްސަދު ވިދާޅުވި އެވެ.

"ސަރުކާރުން ބޭނުންވަނީ އާންމު ރައްޔިތުންނަށް ހިއްސާ ވިއްކަން. އަޅުގަނޑުމެން ބެންކް ހިނގައިގަތީމަ ހިއްސާ ފަސް ޕަސެންޓަށް ކުޑަކުރާނަން. އަޅުގަނޑުމެން ބޭނުން އާންމު ރައްޔިތުން މި ކަމުގައި ޝާމިލްކުރަން،" އައްސަދު ވިދާޅުވި އެވެ.

އެމްއައިބީ މިއަދު ބުނީ އެބޭންކުގެ ހިދުމަތް ފަށައިގަންނަ އިރު ކަރަންޓް އެކައުންޓާއި ސޭވިންގް އެކައުންޓް އަދި އޭޓީއެމްގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށާއި ވަރަށް އަވަހަށް އިންޓަނެޓްގެ ބެންކިން ވެސް ފަށާނެ ކަމަށެވެ.

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިމަހުގެ ފަނަރަވަނަ ދުވަހުވަނީ އިސްލާމިކް ބޭންކު ހުޅުވުމަށް އެމްއައިބީއަށް ދީފައިވާ މުއްދަތު އިތުރު އެއްމަސްދުވަހަށް އިތުރު ކޮށްދީފަ އެވެ.