25 Nov 2014, 19:57
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް މެމްބަރުންނަށް ތިރިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ތާއީދު ނުކުރަން އެމްޑީޕީން ނިންމައިފިއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ޝަރީފް ހުށަހެޅުއްވި ބިލަށް ތާއީދު ނުކުރަން ނިންމާފައި ވަނީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
އޭނާ ވިދާޅުވީ އާންމު އުސޫލުން އެކަމަކީ ޕާލަމެންޓްރީ ގްރޫޕުން ނިންމަންޖެހޭ މައްސަލައެއް ކަމުގައި ވިޔަސް ޕާލަމެންޓްރީ ގްރޫޕުން އެ މައްސަލަ ގައުމީ ހިންގާ ކޮމެޓީއަށް ފޮނުވީ އެއީ ޕާޓީގެ ޕޮލިސީ ލެވެލްގެ މައްސަލައަކަށް ވާތީ ކަމަށެވެ.
"މިހާރު މި އޮތީ ޕާޓީގެ ހިންގާ ކޮމެޓީން ނިންމާފައި [ޝަރީފް ހުށަހެޅުއްވި ބިލަކީ] ޕާޓީގެ ޕޮލިސީއާ ޚިލާފު [ބިލެއް] ކަމަށް. އެހެންވީމަ ދެން މި މައްސަލައާއެކު ކުރިއަކަށް ނުދެވޭނެ،" އިބޫ ވިދާޅުވިއެވެ.
ކޯޓުތަކުގެ ގާނޫނަށް މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރާއި އެކު ތިބެންވާނީ ފަސް ފަނޑިޔާރުން ކަމަށެވެ.
ޝަރީފް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ގާނޫނަށް އަމަލުކުރާތާ 90 ދުވަސް ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ހައިކޯޓުގެ ދެ ގޮފި ގާއިމް ކުރަން ޖެހެއެވެ. އަދި އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވާނެ ކަމަށް ވެސް އެ ބިލްގައި ވެއެވެ.
މި ބިލުގައި ބުނެފައިވާ ގޮތުގައި ހައި ކޯޓުގެ ގޮފިތައް ގާއިމް ކުރާނެ ސަރަހައްދު ތަކަކީ ކޮބައިކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ނެވެ. އަދި ހަމަ އެހެންމެ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ވެސް ސުޕްރީމް ކޯޓުގެ ޒިންމާއެކެވެ.