25 Nov 2014, 20:03
ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަމާޒުކޮށް، އެ ކުންފުނީގެ އޭޑީއެސްއެލް ޕެކޭޖްތަކަށް އާ އެޑްއޮން ތަކެއް ތައާރަފް ކޮށްފި އެވެ.
ދިރާގުން ތައާރަފްކުރި މި އެޑްއޮންތައް ޕެކޭޖްތަކަށް ބަހާލެވިފައި ވަނީ ދެ ބަޔަކަށެވެ. އޭގެ ތެރޭގައި އޭޑީއެސްއެލް ޕެކޭޖްތަކަށް ހާއްސަ އެޑްއޮން ތަކާކާއި އަލްޓްރާ ފާސްޓް ބްރޯޑްބޭންޑަށް ހާއްސަ ޕެކޭޖެއްވެސް ހިމެނެއެވެ. އެގޮތުން ދެ ޖީބީ އިން ފަށައިގެން 50 ޖީބީ އާ ހަމައަށް އޭޑީއެސްއެލް ޕްރޯ އަންލިމިޓަޑް ޕެކޭޖެތައް ގެންގުޅުއްވާ ފަރާތްތަކަށް އެޑްއޮން ޕެކޭޖްތަކެއް ހާއްސަކޮށްފައި ވާއިރު، އަލްޓްރާފާސްޓް ޕެކޭޖް ގެންގުޅުއްވާ ފަރާތްތަކަށް ހާއްސަކޮށްފައި ވަނީ 100 ޖީބީގެ އެޑްއޮން އެކެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ، މި އެޑްއޮންތައް އެކުންފުނިން ތައާރްފް ކުރަން ގަސްދުކުރީ ގިނަ ފަރާތްތަކަކުން އެކަމަށް އެދިލައްވަމުން ގެންދަވާތީ އެވެ. އަދި މީގެ ކުރިން ކަސްޓަމަރުންގެ އެދިލެއްވުމަށް ގިނަ ޕެކޭޖް ތަކެއް ތައާރަފް ކޮށްފައި ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ކަސްޓަމަރުންގެ އެދިލެއްވުމުގެ މަތިން އަޅުގަނޑުމެން ވާނީ ހަލުވި ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދީފައި. އަދި އެއަށްފަހު ކަސްޓަމަރުންގެ އެދިލެއްވުމުގެ މަތިން އަޅުގަނޑުމެން ވާނީ ހައި ސްޕީޑާއެކު ބޮޑު ޑާޓާ އެލަވެންސްތަކެއް ލިބިވަޑައިގަންނަވާނެ ޕެކޭޖްތަކެއްވެސް ތައާރަފް ކޮށްފައި. އެންމެ ފަހުން ކަސްޓަމަރުންގެ އެދިލެއްވުމަކަށް ވެފައި ވަނީ ކޮންމެ މަހަކުވެސް ޕެކޭޖްގެ ޑޭޓާ އެލަވެންސް ހަމަވުމަށްފަހު، މަހުގެ ބާކީ އޮތް ތަނަށް ހައި ސްޕީޑްގައި އެބޭފުޅުންނަށް އިތުރު ޑޭޓާ ހޯދޭނެ ގޮތް ހަމަޖައްސަ ދިނުމަށް. މި އެޑްއޮން ޕެކޭޖްތަކަކީ މި މަގްސަދުގައި އަޅުގަނޑުމެން ތައާރަފްކުރި ޕެކޭޖް ތަކެއް،" އޭނާ ވިދާޅުވި އެވެ.
އިމްޖާދު ވިދާޅުވީ މި އެޑްއޮން ތައް ނެންގެވުމުން، އިންޓަނެޓް ޕެކޭޖްތަކުގައި ކޮންމެ މަހަކަށް ކަސްޓަމަރުންނަށް ލިބޭ ފެއާރ ޔޫސޭޖް އެލަވެންސް ހަމަވުމުން ނެޓުގެ ސްޕީޑް ދަށްވެގެން އުޅެން ނުޖެހޭނެ ކަމަށެވެ. އަދި މިއިން އެޑްއޮން އެއް ނެގުމުން އެ ނަގާ ފަރާތަކަށް އަވަސް ސްޕީޑެއްގައި މުޅި މަސްދުވަސް އެކީ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.