25 Nov 2014, 18:58
އަންހެނުންނަށް ކުރާ އަނިޔާއިން އަންހެނުން ސަލާމަތްކޮށް އެމީހުންނަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ދެވޭނީ އަންހެނުންނާއި ފިރިހެނުން އެކު އެކީގައި މަސައްކަތްކޮށްގެން ކަމަށް ސްޓޭޓް މިނިސްޓާ ފޯ ޖެންޑާ އެންޑް ލޯ ޑރ. ހާލާ ހަމީދު ވިދާޅުވެއްޖެ އެވެ.
ހާލާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅުވައިގެން ރާޅުގަނޑު ސަރަހައްދުގައި މިއަދު ހަވީރު ފެށި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު 16 ދުވަހުގެ ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ހާލާ ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާއިން އަންހެނުން ރައްކާތެރިކުރަމަށާއި އަންހެނުންނަށް ހިމާޔަތްދިނުމަށް މަސައްކަތްކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އަދި އެންމެންގެ އެއްބާރުލުން ލިބިގެން ނޫނީ އަންހެނުންނަށް ކުރާ އަނިޔާއިން މުޖުތަމު ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަންހެނުންނަށް ކުރާ އަނިޔާއިން އަންހެނުން ރައްކާތެރިކުރުމަށާއި އެމީހުންނަށް ދޭންޖެހޭ ސަޕޯޓް ދިނުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ލިބިގެން ނޫނީ އަޅުގަނޑުމެންނަށް މި ވަބާއިން ސަލާމަތެއް ނުވެވޭނެ،" ހާލާ ވިދާޅުވި އެވެ.
ރާޅުގަނޑު ސަރަހައްދުގައި މިއަދު ފެށި މި ހަރަކާތަކީ ޖެންޑާ އެންޑް ލޯ މިނިސްޓްރީ އާއި ޖެންޑާ އެޑްވޮކަސީ ވޯކިން ގްރޫޕް (ގޯގް) ގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކެމްޕޭނެކެވެ.
މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ގޯގްގެ ޗެއާމަން އަހުމަދު އަންވަރު ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރިއަށް ގެންދާ 16 ދުވަހުގެ ހަރަކާތްތައް އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
މިފަހަރުގެ 16 ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ގޯގްގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ގާލްގައިޑް އެސޯސިއޭޝަން އާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ރާޅުގަނޑުގެ ސަރަހައްދުގައި ބޭއްވި އެ ރަސްމިއްޔާތުގައި "ދެޖިންސުގެ ހަމަހަމަކަން ދައްކުވައިދޭ" ހާއްސަ ބިލްބޯޑެއް ވަނީ ލޯންޗްކޮށްފަ އެވެ. އެ ބިލް ބޯޑް ލޯންޗްކޮށްދެއްވީ ހާލާ ހަމީދު އެވެ.
ގޯގް އަކީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަަސައްކަތް ކުރަމުން އަންނަ ވަކިވަކި ފަރުދުންތަކެއްގެ މައްޗަށް އެކުލެވޭ ގްރޫޕެކެވެ. އެ ގްރޫޕްގެ އަމާޒަކީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ޖިންސީ ހާނީއްކަ، ދިވެހި މުޖުތަމައުން ނައްތާލުމަށް ހޭލުންތެރިކަން އިތުރުކުރުމާއި އަންހެނުން ސިޔާސީ މައިދާނުގައި އަދި ސިޔާސަތު ކަޑައެޅުމާއި ނިންމުން ނިންމާ ފަންތީގައި ބައިވެރިވުން އިތުރުކުރުމެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ މި ކެމްޕޭނަކީ މީގެ 23 އަހަރު ކުރިން 1991 ގައި ފެށިގެން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިންސާނީ ހައްގުތަކަށް މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އދ.ގެ ސެކެޓްރީ ޖެނެރަލް ފައްޓަވައިދެއްވި ހަރކާތެކެވެ.