25 Nov 2014, 17:31
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރަންޖެހޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އޭޝިޔާ ޕެސެފިކް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގާނޫނަށް އިސްލާހު ގެނެސްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލުގެނައުމަކީ އެންމެ އެކަށީގެންވާ ގޮތްނޫން ކަމަށެވެ.
"ގާނޫނަކުން މި އިސްލާހު ގެންނަން އުޅުމަކީ މިކަމާއިގެން ކުރިއަށްދާން އޮތް އެންމެ އެކަށީގެންވާ ގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ތިރިކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހީމް ޝަރީފެވެ.
އެބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ގާނޫނު އިސްލާހުކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށްފިނަމަ ދެން އޮންނާނީ އެއްއަތަކަށް ޖެހިފައިވާ ސުޕްރީމް ކޯޓެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް ލަފާ ކުރެވޭނީ މިގޮތަށް މިކަން ހިންގައިފިނަމަ އުފެދިގެން އަންނާނީ ވަރަށް ބޮޑަށް އެއްއަތަކަށް ބުރަވެފައި އޮންނަ ސުޕްރީމް ކޯޓެއް. ހަމައެކަނި ޕީޕީއެމްގެ މެމްބަރުންގެ ހިތްހަމަޖެހުމަށް އެކުލަވާލެވޭ ސުޕްރީމް ކޯޓެއް،" ނަޝީދު ވިދާޅުވި އެވެ.