އެޑިއުކޭޝަން މިނިސްޓްރީއަށް މޮބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން) ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުއާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގެ ދަށުން އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ޚިދުމަތް މެދުވެރިކޮށް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެ އެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ.

ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އުރީދޫ އެމްވީޕީއެންގެ ޚިދުމަތް އެ މިނިސްޓްރީގެ މުވައްޒަފުންނަށް ލިބުމުން މިނިސްޓްރީގެ ޚަރަދު ކުޑަވުމުގެ އިތުރުން އެ މިނިސްޓްރީގެ އިންޓާނަލް ކޮމިއުނިކޭޝަން ހަލުއިވާނެ ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެން އަންނަ އަހަރު އައު މަންހަޖު އެކުލަވާލުމުގެ މަސައްކަތް ކުރާ އިރު އަތޮޅުތެރޭގެ ބޭފުޅުންނާ މުއާމަލާތް ކުރުމަށް މީގެ ސަބަބުން ފަސޭހަވެގެން ދާނެ. އެހެންކަމުން މިއީ އަޅުގަނޑުމެންނަށް އުރީދޫ އިން ފޯރުކޮށްދިން ވަރަށް މުހިންމު އަދި ބޭނުންތެރި ޚިދުމަތެއް،" ޝަރީފް ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، މިއަދު އެޑިއުކޭޝަން މިނިސްޓްރީން އެ ކުންފުނީގެ ނެޓްވޯކަށް މަރުހަބާ ކިޔާހިނދު އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކޯޕަރޭޓް ކަސްޓަމަރުންގެ ބޭނުންތަކަށް ޚިދުމަތްތައް ފަރުމާކޮށް އެތަންތަނުގެ މަސައްކަތްތަކަށް އިތުރު ފަސޭހަތައް ލިއްބައިދޭ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

ގްރޫޕް ތެރޭގައި ހަތަރު އަދަދުގެ ކުރު އަދަދު ބޭނުންކޮށްގެން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ އުރީދޫގެ އެމްވީޕީއެން ޚިދުމަތަކީ މިހާރުވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. އެގޮތުން ޕޮލިސް، އެމްއެންޑީއެފް، ޑީޕީއާރުއެސް، ޕީޖީ އޮފީހުގެ އިތުރުން ގިނަ ރިސޯޓުތަކެއްގައި ވެސް އެ ޚިދުމަތް ބޭނުންކުރެ އެވެ.