އިނދެގެން އުޅޭތާ އެންމެ ދުވަސްވީ ދެމަފިރިން އެދެމީހުންގެ އުފަންދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި އެވެ.

ކައިވެންޏަށް 89 އަހަރު ފުރިފައިވާ އިންޑިޔާގެ ކަރަމް ޗާންދް އާއި ކަރްޓަރީ ކައިވެނި ކޮށްފައިވަނީ 1925 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. ކަރަމް ޗާންދް އާއި ކަރްޓަރީ ގެ ވެސް އުފަން ދުވަހަކީ ނޮވެމްބަރު މަހުގެ 23 އެވެ.

އާއިލާގެ ހަތަރު ޖީލުގެ ކުދީންނާއި އެކީގައި ޗާންދްގެ ދެމަފިރިންގެ އުފަންދުވަސް ފާހަގަ ކޮށްފައިވަނީ އިންގްލޭންޑްގައި ހުންނަ އެމީހުންގެ އަމިއްލަ ގޭގައި މިދިޔަ އާދިއްތަ ދުވަހު އެވެ. ކަރަމް އަށް 109 އަހަރު ފުރުނު އިރު ކަރްޓަރީ އަށް މިމަހުގެ 23 ވަނަ ދުވަހު ފުރުނީ 102 އަހަރެވެ.



ކަރަމް އާއި ކަރްޓަރީ ބައްދަލުވީ އިންޑިޔާގަ އެވެ. 1965 ވަނަ އަހަރު ކަރަމްގެ ދެމަފިރިން ވަނީ އާއިލާ ގޮވައިގެން އިންގްލޭންޑަށް ބަދަލުވެފައެވެ. ފާއިތުވި 50 އަހަރު އެމީހުން ދިރިއުޅެމުން އައީ އިންގްލޭންޑްގެ ބްރެޑްފޯރޑްގަ އެވެ.

ކަރަމް ގެ ދެމަފިރިންނަށް އަށް ކުދީން ލިބިފައިވާ އިރު، އެ ދެމަފިރިން ދައުވާ ކުރަނީ މުޅި ދުނިޔޭގައި ވެސް އިނދެގެން އެކީ އުޅޭ އެންމެ ގިނަދުވަސްވީ ދެމަފިރިންކަމުގައި އެ ދެމީހުން ވާނެ ކަމަށެވެ.

ކަރަމް އާއި ކަރްޓަރީގެ ފިރިހެން ދަރިފުޅު، ޕޯލް ޗާންދް ބުނިގޮތުގައި އޭނާގެ މައިންބަފައިން ސެންޗަރީއެއް ވަންދެން އެކީގައި ދިރިއުޅުނު ކަމީ އެކަމަށް ޓަކައި އޭނާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމެކެވެ.

"މީހުން ތިބެނީ އަޖައިބުވެފަ.. ބައެއް މީހުން އަހާ ކޮން އެއްޗެއްތޯ އެމީހުން ކަނީ؟ ކޮން އެއްޗެއްތޯ އަހަރުމެން އެމީހުނަށް ކާންދެނީ އަދި އެމީހުން އެހާ ސިއްހަތު ރަނގަޅުކޮށް ތިބެނީ ކިހިނެއްތޯ،" ޕޯލް ޗާންދް ޑެއިލީ މެއިލް އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

ޕޯލް އިތުރަށް ބުނީ އޭނާގެ މައިންބަފައިންގެ އުފަންދުވަހަކީ އެމީހުންގެ އާއިލާއަށް ލިބުނު ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އިންޑިޔާގައި ތިބި އާއިލާގެ ގިނަ މެންބަރުން ވެސް މަންމަ އާއި ބައްޕަ ގެ އުފަންދުވަހުގެ އުފާވެރި ހަފުލާގައި ބައިވެރިވުމުގެ ގޮތުން އިންގްލޭންޑަށް ޒިޔާރަތް ކުރިކަމަށެވެ.

"އެންމެންގެ ސުވާލުތަކަށް ވެސް އަހަރެން ދޭ ޖަވާބަކީ ފާއިތުވި 20 އަހަރު އެމީހުން ތިބީ ސްޓްރެސް ފްރީ ލައިފްއެއް ގައި ކަން.." ޕޯލް ބުންޏެވެ.



ކަރަމްގެ އަންހެނުން ކަރްޓަރީ ބުނި ގޮތުގައި އެމީހުން އަބަދުވެސް ކައި އުޅެނީ ރަނގަޅު ކާނާ އެވެ. ބަޓަރު، ކިރު އަދި ޔޯގަޓް އަކީ އާންމުކޮށް އެމީހުން ކައިއުޅޭ ކެއުމެވެ. އާޓިފިޝަލް ކެއުން ތަކުގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި ކާނާ ކެވޭތޯ އެދެމަފިރިން އަބަދުވެސް ބަލައެވެ. ކަރްޓަރީ އިތުރަށް ބުނިގޮތުގައި އެމީހުންނަށް އެހާ ގިނަ ދުވަހު އެކީގައި އުޅެވުމުގެ އަސްލަކީ އެކީގައި އުޅެން ދަސްވެފައި ވުމާއި، ދެމީހުންނަކީ ވެސް ވަރަށް އާއިލީ ދެމީހުންނަށް ވެފައިވާތީ ކަމަށެވެ.