ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތަކަކާ އެކު ފުލުހަކާއި ސިފައިންގެ ދެމީހެއްގެ އިތުރުން އާންމުންގެ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގްއެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، އެ ފަސް މީހުން ހައްޔަރު ކުރީ "އަވިސްތާ ކެފޭ" ކައިރިން ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 28 އަހަރަގެ ސިފައިންގެ މީހަކާއި 24 އަހަރުގެ ސިފައިންގެ މީހަކާއި 28 އަހަރުގެ ފުލުހެއްގެ އިތުރުން 24 އަހަރުގެ އާންމުންގެ މީހަކާއި އާންމުންގެ 32 އަހަރުގެ މީހެކެވެ.

ޝިފާން ވިދާޅުވީ، އެ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަޅާފައި ހުރި ބުލެޓް ސައިޒުގެ 18 ރަބަރު ޕެކެޓާއި އަދި މަސްތުވާތަކެތި ބަންދުކޮށް އެތަކެތި ބޭނުންކުރަން ބެނުންކުރާ އާލާތްތަކެއް ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ މީހާ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ސިނަމާލޭގެ ފުލެޓެއްގެ ތެރެއިން ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި އެތަކެތި ބަންދުކުރަން ބޭނުންކުރާ ތަކެތި ފެނިފައިވަނީ ފުލުސްމީހާ ދިރިއުޅޭ ތަނުން ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ފުލުހުން ހިންގި ފަސް އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދެއްވަމުން ޝިފާން ވިދާޅުވީ، މިއަދު ހެނދުނު 9:40 ހާއިރު ގ. ވިތުރުގޭ ހަތަރު ވަނަ ބުރީގެ ސިޑިމަތިން ހަޝިޝް އޮއިލް އަޅާފައި ހުރި 27 ސެލޯފިންކޮޅާއި ހެރޮއިން އަޅާފައި ހުރި 23 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 25 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

މިމަހުގެ 22 ވަނަ ދުވަހުގެރޭ ވައިގެ މަގުން ރާއްޖެ އެތެރެ ކުރި ކިލޯއެއްހާ ކެނަބިސް ފަތާއެކު ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އުމުރުން 29 އަހަރުގެ ބަނގުލަދޭޝް މީހަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ސްރީލަންކާގެ ފުލައިޓަކުން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރާއްޖެއައި އުމުރުން 20 އަހަރުގެ ބަނގުލަދޭޝް މީހެއްގެ އަތުން 925 ގުރާމްގެ ކެނަބިސް ފަތްތަކެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، ހުޅުމާލޭ ފަޅުތެރޭގައި ބަނގުރާ ނުވަތަ މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭތީ އެ ސަރަހައްދު ބަލާފާސްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާއިރު އެސަރަހައްދުން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަން ކުރިއަށްދާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޝިފާން ނުދެއްވަ އެވެ.