30 Jan 2011, 13:32
ސަލްޓަން ޕާކްގައި އިއްޔެ ދެ ޒުވާނެއްގެ ގަޔަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް ޒަހަމްތަކަކާއެކު، އޭޑީކޭގެ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް ޒުވާނާގެ ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ހަރާފައިވާ ކަމަށް އޭޑީކޭއިން ބުނެފި އެވެ. އޭނާގެ ހާލު މިހާރު މަޑުމަޑުން ރަގަނޅުވަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ޒުވާނާގެ މެޔަށް ވަޅި ހަރާފައިވާއިރު ބުރަކަށީގެ ދެ ތަނަކަށާއި ކުޑަކަޅުވާ މަސްގަނޑަށް ވެސް ވަޅި ހަރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފަޔާއި ހަށިގަނޑު އިތުރު ތަނެއްގައިވެސް ޒަހަމްތައް ފެންނަން އެބަ ހުރި ކަމަށާއި ޒުވާނާގެ މެޔަށް ވަޅި ހެރުމުގެ ސަބަބުން ފުއްޕާމެއަށް ލޭ އެޅި ފައިވާ ކަމަށެވެ.
"ހަށިގަނޑުގެ ހަ ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ. މެޔަށް ވަޅިހެރުމުގެ ސަބަބުން ފުއްޕާމެއަށް އޭގެ އަސަރުކޮށް، އެތެރެއަށް ލޭ އެޅުނު،" އަފްއާލް ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށް ރޭ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު، މިހާރު އައިސީޔޫއަށް ބަދަލު ކޮށްފައިވާ ކަމަށާއި މަޑުމަޑުން ހާލު ރަގަނޅުވަމުން ކަމަށެވެ.
"ޒަހަމްތަކަށް ފަރުވާދިނުމަށްފަހު، އައިސީޔޫއަށް ބަދަލުކޮށްފައިވަނީ. އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން ދަނީ،" އަފްއާލް ވިދާޅުވި އެވެ.
އެ ޒުވާނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ މައުލޫމާތު ދެއްވި ނަމަވެސް އެއީ ކާކު ކަމެއް ވިދާޅެއް ނުވެއެވެ.
އިއްޔެ މެންދުރު ފަހު ގާތްގަނޑަކަށް 3:00 ޖަހާ އެހާކަންހާއިރު ސަލްޓަން ޕާކުގައި ހިންގި މާރާމާރީގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ގއ. މާމެންދޫ، އާބާދުގޭ އަބްދުﷲ ޖަލާލު، 21، އަށް އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުން ފަރުވާދިނުމަށްފަހު، މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. އޭނާގެ އާއިލާއިން ރޭ ބުނީ ޖަލާލުގެ ހަށިގަނޑުގެ ބޭރުފުށުން ފެނިފައިވާ ޒަހަމްތަކަށް ބަލައި، ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް، އޭނާގެ ހާރު ރަގަނޅުވަމުން އަންނަ ކަމަށެވެ.
ސަލްޓަލްޕާކުގައި އިއްޔެ ހިންގި މާރާމާރީގެ، މަންޒަރު ދުއް މީހަކު ސަން އަށް މައުލޫމާތު ދިން ގޮތުގައި ދެ ޒުވާނުންގެ ގަޔަށް ވަޅި ހަރާފައިވަނީ ލިލީމަގުން ސައިކަލުގައި އައި ބަޔަކު އެ ސަރަހައްދުގައި ސައިކަލް ޕާކް ކުރުމަށް ފަހު ސަލްޓަންޕާކު ތެރެއަށް ވަދެ ކަމަށެވެ. އަދި އެ ދެ މީހުން ވަޅި ހެރުމަށްފަހު ސައިކަލުގައި ފިލާފައިވާ ކަމަށް އެ މީހާ ސަންއަށް ކިޔައިދިނެވެ.
ފުލުހުން ބުނީ ސަލްޓަންޕާކް މާރާމާރީ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.