25 Nov 2014, 16:25
އަންނަ އަަހަރުން ފެށިގެން ރާއްޖެއަށް ޑޮކްޓަރީ ބޭސް އެތެެރެކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަޑް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ގަބޫލުކުރާ ފެންވަރުގެ ގުދަނެއް ހުރި ފަރާތްތަކަށް އެކަނި ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ފުޑް އެންޑް ގްރަޑް އޮތޯރިޓީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 20 އިން ފެށިގެން ބޭހާ ބެހޭ ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު ޑޮކްޓަރީ ބޭސް އެތެރެކުރެވޭނީ އެ އޮތޯރިޓީން ގަބޫލްކުރާ ފެންވަރުގެ ގުދަނެއްް ހުރި ފަރާތަކަށް އެކަނި ކަމަށެވެ.
އެ އޮތޯރިޓީން ބުނީ، އަލަށް އަމަލުކުރަން ފަށާ އެ ގަވާއިދަށް އަމަލުކުރަން ފެށުމުން އެ އޮތޯރިޓީން ބޭސް އެތެެރެ ކުރުމަށް ހުއްދަދީފައިވާ ފާމަސީތަކަށް އަދި އެ ގަވާއިދަށް ނުފެތޭ ގުދަންތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ބޭހާއި ބެހޭ ގަވާއިދުގައިވާ އެންމެހާ ކަންކަން ފުރިހަމަ ކުރުމަށް ފަހު ބޭސް އެތެރެކުރުމުގެ ހުއްދަ އަލުން އާ ކުރުމަށް ވެސް އެފްއެމްއޭ އިން ވަނީ އެދިފަ އެވެ.
ޑޮކްޓަރީ ބޭސް އެތެރެކުރުމާ ބެހޭ އާ ގަވާއިދުގެ ދަށުން ބޭސް ރައްކާ ކުރާ ގުދަނުގެ ތަޅުމުގެ ބޮޑުމިނުގައި މަދުވެގެން 200 އަކަފޫޓު ހުންނަން ޖެހެ އެވެ. އަދި ސީލިންގް އާއި ތަޅުމާ ދެމެދު މަދުވެގެން ނުވަ ފޫޓު ހުންނަން ޖެހެ އެވެ. މީގެއިތުރުން ބޭސް ރައްކާކޮށްފައި ހުންނަ ފިހާރައެއްގެ ތަޅުމުގެ ބޮޑު މިނުގައި 120 ފޫޓް ހުންނަންޖެހޭ އިރު އެ ފިހާރަ ތެރޭގައި ކޮންޓްރޯލް ޑްރަގް ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރަންޖެހެ އެވެ.