25 Nov 2014, 15:55
ކިޔޭވް (ނޮވެމްބަރު 25): ޔުކްރޭންގެ މައްސަލައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަހަރަކު އެތަށް ބިލިޔަން ޑޮލަރެއްގެ ގެއްލުމަކާ ރަޝިޔާގެ އިގްތިސާދު ކުރިމަތިލާންޖެހޭ ކަމަށް އެގައުމުން ބުނެފި އެވެ.
ރަޝިޔާގެ މާލީ ވަޒީރު އެންތުވާން ސުލްވާނޯވް ވިދާޅުވީ، ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވަނީ ސިޔާސީ މަގްސަދްތަކެއް ޙާސިލް ކުރުމުގެ ޖިއޮޕޮލިޓިކަލް ފިޔަވަޅުތަކެއް ކަމަށާއި އެކަމުގެ ސަބަބުން އަހަރެއްގެ މައްޗަށް ސާޅީސް ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ރަޝިޔާގެ އިގްތިސާދަށް ލިބިގެންދާނެ ކަމުގަ އެވެ. މި ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެމެރިކާއާއި ވިލާތުގެ ގައުމުތަކުގެ އިގްތިސާދަށްވެސް އެތަށް ބިލިޔަނަކުން ކުރާނެކަމަށާއި އަދި މި ގެއްލުންތަކުން އަރައިގަތުމުގެ ގާބިލްކަން ރަޝިޔާގެ އިގްތިސާދަށް ލިބިފައިވާ ކަމަށް އެގައުމުގެ މާލީ ވަޒީރު ވިދާޅުވި އެވެ.
ރަޝިޔާގެ މާލީ ވަޒީރު އިތުރަށް ވިދާޅުވީ، ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުންވެސް އަހަރެއްގެ މައްޗަށް 100 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާ ރަޝިޔާ ކުރިމަތިލާން ޖެހޭނެ ކަމުގަ އެވެ. މި ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ތެޔޮ އުފައްދާ ގައުމުތަކާ ގުޅިގެން ތެލުގެ އަގު މަތިކުރުމަށް ރަޝިޔާ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރަޝިޔާގެ މާލީ ވަޒީރު ވިދާޅުވި އެވެ. ތެލުގެ އަގު މަތިކުރުމަށްޓަކައި ތެޔޮ އުފައްދާ މިންވަރު ދަށްކުރުމަށް ތެޔޮ އުފައްދާ ގައުމުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ރަޝިޔާއަކީ ގުދްރަތީ ގޭހާއި ތެލުގެ މުއްސަނދިކަން ލިބިގެންވާ ގައުމެކެވެ. އެގައުމުގެ އާމްދަނީގެ ބޮޑުބައެއް ޙާސިލް ކުރަނީ ތެލާއި ގުދްރަތީ ގޭހުގެ ވިޔަފާރިންނެވެ.
ޔުކްރޭން ގެ މައްސަލައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ރަޝިޔާގެ ތެލާއި ގުދްރަތީ ގޭސް ވިއްކުމަށް ހުރަސްތައް ކުރިމަތި ކުރުމާއި ހުޅަނގުގައި އުފައްދާ މަތީފެންވަރުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ރަޝިޔާއަށް ނުވިއްކުމުގެ މައްޗަށެވެ. (ރޮއިޓާސް)