25 Nov 2014, 15:48
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ އެއްބައިވަންތަކަން އަލުން އިއާދަކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މިއަދު ފެށި ސާކްގެ މިނިސްޓަރުންގެ ކައުންސިލްގެ 36 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ، " ސާކްގެ އެއްބައިވަންތަކަމުގެ ޒަމާން އިއާދަކުރަން ޖެހޭ" ކަމަށެވެ.
"... އަޅުގަނޑުމެންނަކީ އެ މާޒީގައި މިޖަމާއަތުގެ ލީޑަރުން ބައިނަލް އަގުވާމީ ފޯރަމްތަކުގައި އެންމެން ކަންބޮޑުވާ ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ބާރު އެޅުއްވި މާޒީއަކާ ހަވާލުވެ ތިބި ބައެއް،" ދުންޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.
ސާކް ގައުމުތަކުގެ އެއްބައިވަންތަކަމަށް މެމްބަރު ގައުމުތަކުން ކުރިން އިސްކަން ދެއްވާފައިވާ މިންވަރު އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. ސާކްގެ އެއްބައިވަންތަކަމަށް ރާއްޖޭން އިސް ދައުރެއް އަދާކުރާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ސާކްގެ މިނިސްޓަރުންގެ ކައުންސިލްގެ ބައްދަލުވުމަކީ ސާކް ސަމިޓް ފެށުމުގެ ކުރިން ބާއްވާ އެންމެ މުހިއްމު އެއް ބައްދަލުވުމެވެ. އެ ބައްދަލުވުމުގެ ކުރިން ސާކްގެ ސްޓޭންޑިން ކޮމިޓީގެ ބައްދަލުވުން ވަނީ ބާއްވާފައެވެ. ސާކް ސަމިޓް ފަށާނީ މާދަމާއެވެ. އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު މިހާރު ވަޑައިގެން ހުންނެވީ ކަތުމަންޑޫގައެވެ.