25 Nov 2014, 15:31
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހަލާކުކޮށްލުމަށް ރައީސް ޔާމީންގެ ސަރުކާރުން ނުކުމެފައިވާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ސިލްސިލާކޮށް ބާއްވަން ފެށި ކަންމަތީ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުމުގައި ރޭ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓު ހަލާކުކޮށްލަން މި ސަރުކާރުން ނުކުތީ ގާނޫނާއި ހިލާފަށް އޮޑިޓާ ޖެނެރަލް ވަކިކުރެއްވުމަށް ނިންމެވުމުން އެކަން ބާތިލް ކޮށްދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅުމުން އެކޯޓުން އެ މައްސަލަ ބަލައިގަތުމާ ގުޅިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ބަޔަކު މީހުން ލުމުން ސަރުކާރުން ބާރު އެޅީ އެ މައްސަލަ ބަލައި ނުގަތުމަށް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން އޮޑިޓާ ޖެނެރަލް ވަކިކުރެއްވުމުން އެ މައްސަލަ މި ވަނީ ބަޔަކު މީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި. ސަރުކާރުގެ ފަރާތުން ބާރު އަޅަމުން ދިޔައީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައި ނުގަތުމަށް. އެހެންނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތާ އެކުގައި އެމައްސަލަ ވަނީ ބަލައިގެންފައި. ހަމަ އެ މައްސަލަ ބަލައިގަތުމާއި އެކުގައި މި ސަރުކާރުން ވަނީ ސުޕްރީމް ކޯޓު ހަލާކުކޮށްލަން ނުކުމެފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ
ރައީސް ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓު އިސްލާހު ކުރުމުގެ ނިޔަތުގައި "އެ ކޯޓު ރައީސް ޔާމީންގެ އަތަށް، މެހިޔަ ދީގެން ނުވާނެ" ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުވާން އެމްޑީޕީންވެސް އެދޭ ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.
"އެހެންނަމަވެސް ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ރައީސް ޔާމީންގެ އަތަށް ހެޔޮވަރު ސައިޒަށް ސުޕްރީމް ކޯޓު ކޮށާލަން އުޅޭތަން،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން މިހާރު ބޭނުންފުޅުވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް މެމްބަރުންނަށް މަދުކޮށް މި ސަރުކާރުގެ ބާރުގެ ދަށަށް ސުޕްރީމް ކޯޓު ގެނައުން ކަމަށެވެ. ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ ނިޔަތުގައި މި ސަރުކާރުގެ އަމިއްލަ ބޭނުންތައް ފުއްދުމަށް ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތްކުރާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، ސުޕްރީޕް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައި ވަނީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގައި ހިމެނޭ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ.
ކޯޓުތަކުގެ ގާނޫނަށް ގެންނަން ޝަރީފް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރާއި އެކު ތިބެންވާނީ ފަސް މެމްބަރުން ކަމަށެވެ.