މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތުމަތު ނަހުލާ (ނަހޫ) ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމް "ޔޫސުފް"ގެ ވަގު ކޮޕީ އުފައްދައިގެން ވިއްކި ކަމުގެ ދައުވާ ޝަރީއަތަށް ސާބިތުވެގެން ހަ މަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ މީހާގެ އަބުރަށް ނަހުލާ އަރައިގަނެފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހޯދަން ހުށަހަޅައިފި އެވެ.

ނަހުލާގެ މައްޗަށް އަބުރުގެ ދައުވާ އުފުލާފައި ވަނީ "ޔޫސުފް"ގެ ވަގު ކޮޕީ އުފައްދައިގެން ވިއްކި މައްސަލައިގައި ހަ މަހަށް ޖަލަށް ލުމަށް ހުކުމްކުރި ޅ. ނައިފަރު، ހަވީރީހިޔާ، ހައްސާން އަލިފުޅެވެ.

ޅ. ނައިފަރު ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ބަޔާން ނެގުމަށް ނަހުލާ ވަނީ އިއްޔެ ކޯޓަށް ހާޒިރުވެފަ އެވެ.

ނަހުލާ މިއަދު "ސަން" ބުނީ ޔޫސުފްގެ ވަގު ކޮޕީ އުފައްދައިގެން ހައްސާނުގެ މައްޗަށް ޝަރީއަތުން ސާބިތުވެފައިވާއިރު އެކަންތައް އޭނާ ކުރި ގޮތުގެ ވާހަކަ ދެއްކުމަކީ އަބުރާ ބެހުން ކަމަށް ނުދެކޭ ކަމަށެވެ. އަދި ހައްސާނުގެ އަބުރަށް އަަރައިގަނެވޭ ވަރުގެ ވާހަކައެއް ދައްކައިފައިނުވާނެ ކަމަށް ވެސް ނަހޫ ބުންޏެވެ.

"ސާބިތުވެ ނިމިފައި އޮތް ކަމެއްގެ ވާހަކަ ދެއްކުމަކީ އަބުރާ ބެހުންތޯ ގާޒީ ކުރެން އެހިން. ގާޒީ ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމާނީ ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކަމަށް. އަދި ސިވިލް ކޯޓަށް ހާޒިރުކުރީ ނައިފަރު ކޯޓުން ފޮނުވާފައިވާ މެސެޖަކާ ގުޅިގެން ބަޔާން ނެގުމަށް ކަމަށް. އަހަރެން ބުނިން އެމީހާގެ ޕާސަނަލް އެއްވެސް ވާހަކައެއް ނުދައްކަމޭ އޭނާ ކުރި ކަމެއްގެ ވާހަކައޭ ދެއްކީ އަދިވެސް ދައްކާނަމޭ،" ނަހުލާ ބުންޏެވެ.

ޔޫސުފްގެ ވަގު ކޮޕީ ވިއްކި މައްސަލައިގައި ހައްސާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ޖުލައި 31، 2008ގައި ކްރިސްޓަލް ކޮމްޕެނީ އާއި ހައްސާން އަލިފުޅާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޭނާ އާ އެ ފިލްމު ހަވާލުކޮށްފައި ވަނިކޮށް އޭގެ ވަގުކޮޕީ ހެދިކަން ހެކީންގެ ހެކިބަހުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.