25 Nov 2014, 15:02
މިފަހަރުގެ ޗެންޕިއަންސް ލީގުން މެންޗެސްޓާ ސިޓީ ކަޓައިފިއްޔާ އެ ޓީމްގެ ކުޅުންތެރިންތަކެއް ޓީމާ ވަކިވާން ޖެހިދާނެ ކަމަށް ސިޓީގެ ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ ބުނެފި އެވެ.
ނަސްރީ ބުނީ، ޗެންޕިއަންސް ލީގުގައި އެ ޓީމު ދެވަނަ ބުރަށް ނުގޮސް ލީގުން ކަޓައިފިއްޔާ ޓީމުގެ ކުޅުންތެރިންތަކެއް ބަދަލުކޮށްފާނެ ކަމަށާއި، ރަނގަޅު ނަތީޖާއެއް ނުހޯދިއްޖެ ނަމަ އަންނަ އަހަރު ޓީމުން ފެނިގެން ދާނީ އާ ކުޅުންތެރިންތަކެއް ކަމަށެވެ.
"ތެދަށް ބުނަންޏާ މިހާރު ތިބި ކުޅުންތެރިންގެ މުސާރައަށް ބެލިއަސް، ފެންވަރަށް ބެލިއަސް ޓީމްގެ 90 އިންސައްތައަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން. މިފަދަ ޓީމެއް ދަނޑުމައްޗަށް އަރައި ނަތީޖާ ނުނެރެވުން އެއީ ކްލަބަށް ލިބިގެނަދާނެ ވަރަށް ބޮޑު ގެއްލުމެއް. އެއީ ކުޅުންތެރިންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް،" ނަސްރީ ބުންޏެވެ.
ސިޓީ އަދި މިހާތަނަށް ޗެންޕިއަންސް ލީގުގައި ދެވަނަ ބުރަށްވުރެ ކުރިއަށް ދަތުރު ކޮށްފައި ނުވާއިރު، މިފަހަރުގެ މުބާރާތުގައި ކުޅުނު ހަތަރު މެޗުން އެންމެ ދެ ޕޮއިންޓް ލިބިފައިވާ ސިޓީ މިހާރު އޮތީ ލީގުގެ ގްރޫޕް 'އީ' ގެ ތާވަލްގެ އެންމެ ފުލުގައެވެ. އަދި މިރޭ ޗެންޕިއަންސް ލީގުގައި ސިޓީ ބެޔާން މިއުނިކާ ދެކޮޅަށް ނިކުންނަ މެޗު އެ ޓީމަށް ކާމިޔާބު ނުކުރެވިއްޖެނަމަ، ހަތަރު އަހަރުތެރޭ ތިން ވަނަ ފަހަރަށް ގްރޫޕް ސްޓޭޖުން ކަޓުމުގެ ބިރުވެސް އެ ޓީމަށް އެބައޮތެވެ.
ސިޓީއަށް ޗެންޕިއަންސް ލީގުގައި އެންމެ ފުރަތަމަ ފަހަރަށް ނޮކްއައުޓް ސްޓޭޖަށް ދަތުރު ކުރެވިފައި ވަނީ މިދިޔަ ސީޒަންގައި މެނުއަލް ޕެލެގްރިނީގެ އިރުޝާދުގެ ދަށުންނެވެ. އެ ޓީމަށް އަބޫދާބީގެ ވެރިކަން ކުރާ އާއިލާއިން ބޮޑެތި ހަރަދުތަކެއް ކުރަމުން ދާއިރު، އެ އާއިލާއިން ވަނީ 2008 ކުން ފެށިގެން ޓީމުގެ ކުޅުންތެރިންނަށް އެކަނިވެސް 750 މިލިއަން ޕައުންޑަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ހޭދަ ކޮށްފައެވެ.
މިކަމާ ގުޅެގޮތުން ވާހަކަ ދައްކަމުން ބެޔާން މިއުނިކްގެ މިޑްފީލްޑަރު ޒަބީ އޮލޮންސޯ ބުނީ ފައިސާގެ ބާރަކީ ކާމިޔާބީތަކެއް ހޯދަން އެހީވެދޭނެ އެއްޗެއް ނޫންކަން ސިޓީގެ ނާކާމިޔާބީތަކުން ދައްކުވައިދޭ ކަމަށެވެ.
"ކާމިޔާބީއަކީ ގަނެވޭނެ އެއްޗެއް ނޫން. ފުޓްބޯޅަ އަކީ ހަމައެކަނި ހިސާބުން ނިންމާލެވޭނެ ކަމެއް ނޫން. ނަމަވެސް ކޮންމެސް ދުވަހަކުން އެޓީމަށް ކުރެވޭ ހަރަދުގެ ނަތީޖާ ފެނި، ޗެންޕިއަންސް ލީގުގައި އެ ޓީމް ރަނަގަޅު ނަތީޖާއެއް ހޯދުމަކީ އެކަށީގެން ވާކަމެއް،" އޭނާ ބުންޏެވެ.
އޭނާ ބުނީ އަދި މިހާތަނަށް ސިޓީއަށް ކާމިޔާބީތަކެއް ހޯދިފައި ނެތަސް، ސިޓީއަކީ އަހަރަކަށް ވުރެ އަހަރެއް ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާ ޓީމެއް ކަމަށެވެ.