ސޯޝަލް މީޑިއާގައި ޚާއްސަ މަގުބޫލުކަމެއް ހޯދައިގެން ހިލޭ ހުރެވޭ ޕްރޮމޯޝަނެއް "ނޯޑިކް ލައިޓް ހޮޓެލް" އިން ފަށައިފި އެވެ. މިއީ ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި ހުޅުވާފައިވާ "ލަގްޒަރީ" ހޮޓަލެކެވެ.

ފޭސްބުކްގައި 2000 ރަހުމަތްތެރީން ނުވަތަ ފޭސްބުކްގައި ހިންގާ ފޭޖަކަށް 100،000 ލައިކްސް ނުވަތަ އިންސްޓަގްރާމްގައި 100،000 މީހުން ފޮލޯކުރަމުން އަންނަ ނަމަ މިހާރު ވެސް ތިބާ ތިހިރީ މި ހޮޓަލުގައި ހިލޭ ހުރުމުގެ ޝަރުތު ފުރިހަމަވެފައެވެ.

"ފައިސާ"ގެ ގޮތުގައި ސޯޝަލް މީޑިޔާ ބޭނުންކުރަން ނިންމާފައިވާ މި ހޮޓަލުގައި ހުރުމަށް ފޭސްބުކްގައި 2000 ރަހުމަތްތެރިން ތިބުމުން ފުދޭނެއެވެ. "ނޯޑިކް ލައިޓް ހޮޓެލް"ގެ ސީއީއޯ މާކަސް މަޖިއުސްކީ ބުނީ ފައިސާ ގެ ބަދަލުގައި ސޯޝަލް މީޑިޔާ ބޭނުންކުރަން ނިންމާފައި މިވަނީ ތަން އިޝްތިހާރުކުރުމަށް ކަމުގައެވެ. އަދި މިއީ މިފަދަ ގޮތަކަށް ފައިސާގެ މުއާމަލާތެއް ހިންގާ ފުރަތަމަ ހޮޓަލަށް ވުމުން އެކަމާ ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އާންމުކޮށް އެއްރޭގެ ހުރުމަށް 360 ޑޮލަރު ނަގަމުން އަންނަ މި ހޮޓަލުގައި ހުރުމަށް ފޭސްބުކްގައި 2000 އަށް ވުރެ ރަހުމަތްތެރީން މަދު ފަރާތްތަކަށް ވެސް ފުރުސަތު ތަކެއް ވަނީ ހުޅުވާލައިފަ އެވެ. ފޭސްބުކްގައި 2000 އަށްވުރެ މަދުން ރަހުމަތްތެރީން ތިބި ނަމަ ޑިސްކައުންޓް ތަކެއް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން 500 ރަހުމަތްތެރިން ފޭސްބުކްގައި ތިބި ނަމަ 5 ޕަސެންޓް އަދި 1000 ރަހުމަތްތެރިން ނަމަ 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.