25 Nov 2014, 14:51
ސްރީލަންކާ ސަރުކާރުން 2015 ވަނަ އަހަރަށް ކަނޑައަޅާފައިވާ 14 ބިލިޔަން ޑޮލަރުގެ ބަޖެޓް އެ ގައުމުގެ ޕާލަމެންޓުން އިއްޔެ ހަވީރު ފާސްކޮށްފި އެވެ.
ސްރީލަންކާގެ 'ލަންކާ ބިޒްނަސް އޮންލައިން' ނޫހުން ބުނީ، ބަޖެޓް ފާސްވީ 95 ވޯޓުގެ ފުޅާ އަޣުލަބިއްޔަތަކުން ކަމަށެވެ. އެގޮތުން ސްރީލަންކާ ޕާލަމެންޓްގެ 152 މެމްބަރުން ބަޖެޓް ފާސްކުރުމަށް ވޯޓް ދެއްވި އިރު ފާސްކުރުމާ ދެކޮޅަށް ވޯޓް ދެއްވީ 57 މެމްބަރުން ކަމަށް ވެސް އެނޫހުން ބުންޏެވެ.
ބަޖެޓް ފާސްކުރި ޖަލްސާއަށް 15 މެމްބަރަކު ހާޒިރުވެވަޑައިގެންފައި ނުވާއިރު އެ ބަޖެޓާ ދެކޮޅަށް ވޯޓް ދެއްވީ ޔުނައިޓެޑް ނެޝަނަލް އެލަޔަންސް ޕާޓީ ( ޔޫއެންޕީ)އާއި ޓެމިލް ނެޝަނަލް އެލަޔަންސް (ޓީއެންއޭ)އާއި ޑިމޮކްރެޓިކް ނެޝަނަލް އެލަޔަންސް (ޑީއެންއޭ)އަށް ނިސްބަތްވާ މެމްބަރުންނެވެ.
އެ ނޫހުން ބުނީ، ބަޖެޓް ފާސް ނުވި ނަމަ ރައީސް މަހިންދަ ރާޖަޕަކްސާއަށް ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވެވަޑައިގެންނެވީސް ކަމަށެވެ.