30 Jan 2011, 13:19
ލަންޑަން : ދުނިޔޭގެ ބާޒާރުތަކުގައި އަނެއްކާވެސް ތެލުގެ އަގު ބޮޑުވެ ޔޫރަޕްގައި ތެޔޮފީފާއެއްގެ އަގު 99.63 އެމެރިކާ ޑޮލަރަށް މައްޗަށް ހިނގައްޖެއެވެ. އެމެރިކާގައިވެސް ތެލުގެ އަގުވަނީ މިއާ ކައިރިކުރާ މިންވަރަކަށް މައްޗަށް ގޮސްފައެވެ.
މިދުވަސްވަރު ތެލުގެ އަގު ބޮޑުވުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީ މިސްރާއި ޢަރަބި ބައެއް ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތައް ކަމަށް ތެލުގެ ވިޔަފާރީގެ ތަޖްރިބާކާރުން ބުނެއެވެ. ގަލްފުގެ ތެޔޮ ޔޫރަޕާއި އެމެރިކާއަށް ގެންދާ މައިގަނޑު ދޮރޯއްޓަކީ މިސްރުގެ ސްވޭސް ކެނެލްއެވެ. އަދި މިސްރަކީވެސް ކޮންމެވެސް ވަރަކަށް ތެޔޮނަގާ އަދި މަދު މިންވަރަކަށް ޤުދްރަތީގޭސްވެސް އެކްސްޕޯޓްކުރާ ޤައުމެކެވެ. މިސްރުގެ އެތެރޭގެ ހަމަނުޖެހުންތައް އިތުރުވުމާގުޅިގެން މެދުއިރުމަތީގެ ތެލުގެ ސަޕްލައިތަކަށް އެކަމުގެ ނޭދެވޭ އަސަރެއް ފޯރަފާނެކަމުގެ ބިރުވަނީ ހީވެފައެވެ.
މިމަހުގެ ކުރީކޮޅު ތެޔޮ ފީފާއެއްގެ އަގު 99.09 އަށް އުފުލުނު ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިއަގުތިރިވެގެން ދިޔައެވެ. އެހެންކަމުން މިފަހަރު ފީފާއެއް 99.63 އަށް މައްޗަށް ދިޔަދިޔުމަކީ 2008 ވަނަ އަހަރުގެ އޮކްޓޯބަރަށްފަހު ތެލުގެ އަގު މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރެވެ. ތެލުގެ އަގު މައްޗަށް ދިޔަނަމަވެސް އުފައްދާ ތެލުގެ މިންވަރު އިތުރުނުކުރާނެ ކަމަށް އޯޕެކުން ބުނެއެވެ. -- ނޫސްއެޖެންސީތައް