ހާއްސަ އެހީއަށް ބޭނުންވާ ކުދިން އުފައްދާ ތަކެއްޗަށް އާ މާކެޓެއް ސަރުކާރުން ހޯދައިދޭނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އިމާދުއްދީން ސްކޫލާ ގުޅިގެން އެ ސްކޫލުގެ ސެން ޔުނިޓްތަކުގައި ކިޔަވަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގި މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމު ނިންމުމުގެ ގޮތުން އިމާދުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަލީހު ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިން އުފައްދާ ތަކެއްޗަށް މާކެޓް ހޯދުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަން ފުޅާވަމުންދާއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އުފެއްދުންތައް ރިސޯޓްތަކުގައި ބޭނުންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"އަޅުނގަޑުމެން ނެޝަނަލް އާޓްސް ގެލެރީގެ ތެރެއިންނާއި ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް މެދުވެރިވެގެން އާ ބާޒާރުތަކެއް އާ މާކެޓްތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުގެ ހަރަދުގައި ކުރާނަން،" ޒުވާނުންގެ ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން، ދިވެހި އުފެއްދުންތައް ބާޒާރަށް ނެރުމަށްޓަކައި 'ސަބާހް ކޯޕަރޭޓިވް ސޮސައިޓީ' އިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހުޅުވާފައިވާ ފިހާރަތަކުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މަސައްކަތްކޮށްދެއްވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.
މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެއްބާރުލުމާއި މަސައްކަތް މިއަގުމު ބިނާކުރުމަށްޓަކައި ބޭނުންވާ ކަމަށް އިޝާރާތްކުރައްވައި ޒުވާނުންގެ ވަޒީރު ވިދާޅުވީ، އެފަދަ ކުދިންނަށް ބޭނުންވަނީ އަޅައިލާނެ، މަގުދައްކައިދޭނެ ފަރާތްތަކެއް ކަމަށެވެ.

"...ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކީ މާލޭގައި ހުރި ކުއްޖެއް ވީ ނަމަވެސް ހއ. ތުރާކުނުގައި ހުރި ކުއްޖެއް ނަމަވެސް އަރިއަތޮޅުގައި ހުރި ކުއްޖެއް ކަމުގައި ވީ ނަމަވެސް އައްޑޫ އަތޮޅުގައި ދިރިއުޅޭ ކުއްޖެއް ނަމަވެސް އަޅާލަންޖެހެޔޭ. އެކުއްޖަކު އެހުރި ދިމާލަކުން ދެވެންހުރި އެހީތެރިކަމެއް ދެވޭނެ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" މަލީހު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގާބިލްކަން ހުރި ދާއިރާތައް ދެނެގަނެ އެ ދާއިރާއަކުން ހުނަރުވެރި މަސައްކަތް ދަސްކޮށްދީ އާމްދަނީއެއް ހޯދޭނެ ގޮތެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ހުނަރު ޕްރޮގްރާމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން 27 ކުދިން ބައިވެރިވެފައިވެ އެވެ.
މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

އެގޮތުން، މިއަހަރު އިމާދުއްދީން ސްކޫލުގެ ސެން ޔުނިޓްގައި ކިޔަވާ 15 އަހަރުން މަތީގެ ދަރިވަރުންނާއި 18 އަހަރުވެގެން ސްކޫލް ނިމިފައިވާ އިމާދުއްދީން ސްކޫލުގެ ސެން ޔުނިޓްގައި ކިޔެވި ދަރިވަރުން އެ ޕްރޮގްރާމުގައި ބައިވެރިވެފައިވެ އެވެ.

އެމްއައިޓީ އިން ބުނީ، އެ ހުނަރު ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވި ކުދިންނަށް ހޭންޑިކްރާފްޓާއި އާޓްސް އާއި ނީޑަލް ވޯކް އަދި ޕޭޕަރ ކްރާފްޓްގެ ޕްރޮގްރާމްތައް ހިންގާފައިވާނެ ކަމަށެވެ. އަދި ދެ ވަނަ ފިޔަވަހީގެ ދަށުން ދެން ކުރިއަށްގެންދާނީ އެކުދިންގެ ހުނަރު ފުޅާކޮށް މާކެޓް ހޯދައިދިނުމަށް ކަމަށް އެ ފަރާތުން ބުންޏެވެ.

ހުނަރު ޕްރޮގްރާމުގައި އެކުދިން ހަދާފައި ތަކެތި އާއްމުންނަށް ދައްކާލުމަށް އިމާދުއްދީން ސްކޫލުގައި މިއަދު ވަނީ ހިލޭ ވަދެވޭގޮތަށް ހާއްސަ މައުރަޒެއްވެސް ހުޅުވާލާފަ އެވެ.