ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ހަވާލުކުރި އިންޑިއާގެ ޖީއެމްއާރު ގްރޫޕާ އެ އެއާޕޯޓް އަލުން ހަވާލުކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެމްޑީޕީގެ ސިޔާސަތު ކޮމިޓީން އެޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަފުޅު ދައްކަވަމުން އެ ކޮމިޓީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، ޖީއެމްއާރުން ހޯދަން ހުށަހަޅާފައިވަނީ އެވަނީ 12.8 ބިލިޔަން ރުފިޔާ ކަމަށާއި އެއީ ދައުލަތުގެ އެއް އަހަރު ދުވަހުގެ އާމްދަނީއާ އެއްވަރު އަދަދެއް ކަމަށެވެ.

އަދި އެ ފައިސާ ދޭން ޖެހިއްޖެ ނަމަ އެކަން ހައްލުކުރަން އެންމެ ރަނގަޅު ގޮތަކީ އެއާޕޯޓް އަލުން ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"...ޖީއެމްއާރާ އެއާޕޯޓް އަލުން ހަވާލުކުރުމަށް އަޅުގަނޑުމެން އެދެނީ. އަޅުގަނޑުމެން ސަރުކާރަށް ގޮވާލަނީ ވެސް އަލުން އަނބުރައި ހަވާލުކުރުމަށް ފަހު އެ ކޭސް ކޯޓުން ނަގައި ޖީއެމްއާރާއި އެކީ މަޝްވަރާކޮށްގެން ގެންދިއުމަށް،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖީއެމްއާރު މައްސަލަ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ހައްލުކުރެވޭނީ އޭރުން ކަމަށެވެ. އަދި ވިދާޅުވީ، އެއާޕޯޓް މަރާމާތުކޮށް ތަރައްގީކުރުމުގެ ގާބިލުކަން ސަރުކާރުގައި ހުރިތަން ނުފެންނަ ކަމަށެވެ. އަދި އެތަނުގެ ފެންވަރު ދަށް ކަމުން އެއާލައިން ތަކަށް ގެއްލުން ވަމުންދާ ކަމަށާއި އެކަމަށްދާ ހަރަދު އެއާލައިންތަކުން ހޯދާނީ ފަސިންޖަރުންގެ އަތުން ކަމަށް ވެސް ވިދާޅުވި އެވެ.

ޖީއެމްއާރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާ އިރު ވެސް އެ ފައިސާ ދައްކާނެ ގޮތެއް ބަޖެޓްގައި ފާހަގަކޮށްފައި ނުވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

"...މި ބަޖެޓަކުން އެއަށް ރިފްލެކްޓްކޮށްފައި އެއްވެސް ކަމެއް ހިމެނިފައިވާތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު. އަޅުގަނޑުމެން ދެކޭ ގޮތުގައި އެއަށް ހައްލެއް އަންނަން ޖެހޭ މި ބަޖެޓް ތެރެއިން. އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުގައި 2015 ވަނަ އަހަރުގެ މެދުތެރޭގައި ޖީއެމްއާރު މައްސަލަ ކޯޓުން ނިމި ހުކުމް ކުރާނެ. އަދި ތިން ހަތަރު މަހެއް ތެރޭގައި އެފައިސާ ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހޭނެ، " އޭނާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 25 އަހަރަށް އައިއެންއައިއޭ ހިންގުމަށް ޖީއެމްއާރާ ހަވާލު ކުރީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ނަޝީދުގެ ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޖީއެމްއާރު އެއްބަސްވުން ބާތިލްކޮށް އެއާޕޯޓް ހިންގުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އާ ހަވާލު ކުރީ ޑިސެމްބަރު 8، 2012 ގަ އެވެ. ޖީއެމްއާރުގެ އެއްބަސްވުން ޑރ. ވަހީދުގެ ސަރުކާރުގައި އުވާލީ އެ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެ އެވެ.