ތަނެއްގައި މީހަކު ދައްކާ ވާހައަކީ މުޅި ޕާޓީގެ ފިކުރު ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓު ކުރުމަށް ވާހަކަފުޅުތައް ދައްކަވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ މެމްބަރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީގެ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޕާޓީއަށް ތާއީދު ކުރާ މީހަކަށް ވިޔަސް، ތަނެއްގައި އެމީހަކު ދައްކާ ވާހަކައަކީ މުޅި އެމްޑީޕީގެ ފިކުރު ނޫން ކަމަށެވެ.

"އެމްޑީޕީގެ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޕާޓީއަށް ތާއީދު ކުރާ މީހަކަށް ވިޔަސް، ތަނެއްގައި އެމީހަކު ދައްކާ ވާހަކައަކީ މުޅި އެމްޑީޕީގެ ފިކުރެއް ނޫން. އެކަން ވަރަށް ބޮޑަށް ޔަގީން ކުރަމުން ހަނދާން ކޮށްދެން. އަޅުގަނޑު ބައެއްފަހަރު ދައްކާ ވާހަކައަކީވެސް މުޅި ޕާޓީގެ ފިކުރެއް ނޫން،" ރީކޯ މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ޓޫރިޒަމް ބޮއިކޮޓު ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ރައީސް ނަޝީދުގެ ސަބަބުން ވަރަށް ބުރޫއަރާ ކަމަށެވެ. އަދި ޓޫރިޒަމް ބޮއިކޮޓު ކުރުމަށް އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވެސް ޖައުފަރު ވިދާޅުވިއެވެ.

"ރާއްޖޭގައި މިއޮތް ރީތިކަމާއި ރީތި ގޮނޑުދޮށް ތަކާއި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނެތްފަދަ ރީތި ފަޅުތަކާ މޫދުތަކާ، މިއީ އަޅުގަނޑުމެން ވިއްކަން ބޭނުން އެއްޗެއްސަކީ. މީއްޗިހި ވިއްކުމަށް ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ބޮޑަށް ބުރޫއަރާ ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ކުރާ މަސައްކަތްތަކުން. އެމަނިކުފާނު ދަނީ ޓުއަރިޒަމް ބޮއިކޮޓު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން،" ޖައުފަރު ވިދާޅުވިއެވެ.