25 Nov 2014, 11:57
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކުން ލިބިދޭ ހިމާޔަތާއި އިންސާފު ހޯދުމުގެ ފަހި އިންތިޒާމުތަކެއް ހަމަ ޖެއްސުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.
އަންހެނުންނަށް ކުރެވޭ އަނިޔާއާއި ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން އެޗްއާރްސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެފަދަ އިންތިޒާމުތައް ވީހާ ވެސް އަވަހަކަށް ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ.
"...އަންހެހުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި ، އަންހެނުން މުޖުތަމައުގެ ކަންތައްތަކުގައި ބާރުވެރިކުރުވުމަށް ހެދިފައިވާ ގާނޫނުތަކާއި ސިޔާސަތުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މިގޮތުން މިގާނޫނުތަކުގެ ދަށުން ލިބިދޭ ރައްކާތެރިކަމުގެ ފުރިހަމަ ހިމާޔަތް އަނިޔާ ލިބޭ ފަރާތްތަކަށް ލިނިދިނުމަށްޓަކައި ކަށަވަރުކުރަން ޖެހޭ ނިޒާމުތައް ގާއިމްކޮށް، އިންސާފު ހޯދުމުގެ ފަހި އިންތިޒާމުތަކެއް ވީހާވެސް އަވަހަކަށް ހަމަޖައްސަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަމެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ ދަތުރުފަތުރުގެ މައިދާނާއި މަގުތަކާއި ޕާކުތަކާއި ސްކޫލުތަކުގެ މާހައުލުގައި އަންހެނުންނަށް އަނިޔާއާ ކުރިމަތިލާން ޖެހުމަކީ ހިނގާ ކަމެއް ކަމަށެވެ. ވަޒީފާގެ މާހައުލުގައި ވެސް އެފަދަ ކަންތައްތައް ހިނގާ ކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އަންހެނުންނަށް ލިބޭ އަނިޔާއާ ބެހޭ ގޮތުން ކުރިން ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާ، އެޗްއާރްސީއެމްގެ ބަޔާނުގައި ތަކުރާރުކޮށްފައި ވެއެވެ. އެދިރާސާއިން އެނގިފައިވާ ގޮތުގައި ރާއްޖޭގެ އަންހެނުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރެއްގައި އަނިޔާ ތަހައްމަލުކޮށްފައިވާ މީހެއް ކަމެވެ.
އަންހެނުންނާ ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އަންހެނުންނާއި އަންހެންކުދިންނަށް ރައްކާތެރި އަދި ބާރުވެރިކުރުވަނިވި ފުރުސަތެއް އުފެއްދުން" މިއެވެ.