25 Nov 2014, 11:42
ސަފާރީގެ ވިޔަފާރިންނާއި ރާޅާއަޅާ ޓުއަރިސްޓުން ގެންނަ ވިޔަފާރިން ޓެކްސް ނުނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގޮވާލައްވައިފިއެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ހުށަހެޅުއްވި ރާއްޖޭގެ ޓުއަރިޒަމްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ރާޅާއެޅުމަށް ޓުއަރިސްޓުން ގެނެސްގެން ކުރާ ވިޔަފާރިއާއި ސަފާރީގެ ވިޔަފާރިތަކުން ގްރީން ޓެކްސް ނަގައިގެން ނުވާނެ ކަމަށާއި ސަބަބަކީ އެއީ ކުދި އަދި ނާޒުކު ވިޔަފާރި ތަކަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑުމެން ކުރިންވެސް ދެންނެވިން ޓެކްސް ނެގުމުން އިސްތިސްނާ ވާން ޖެހޭނީ ގެސްޓް ހައުސް އެކަންޏެއް ނޫނޭ. ސަފާރީ ބޯޓުތަކާއި އަދި އެއަށްވުރެ ކުޑަކުޑަ ގެސްޓުން ގެންނަ ވިޔަފާރި ކުރާ ފަރާތްތަކެއްވެސް ވޭ. މިސާލަކަށް ރާޅާއަޅާ މީހުން ގެންނަ ވިޔަފާރި ކުރާ ބަޔަކުވެސް އެބަ ވޭ. މިތަންތަންވެސް ގްރީން ޓެކްސް އިން އިސްތިސްނާ ވާން ޖެހޭ. އެ ވިޔަފާރި ތަކަކީ ކުދި ވިޔަފާރިތަކަކަށް ވުމުން އެއީ ވަރަށް ނާޒުކު ވިޔަފާރި ތަކެއް،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ގްރީން ޓެކްސް އިން ލިބޭ އާމްދަނީ އިން ހޭދަކުރަންޖެހޭނީ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށް ކަމަށާއި އެފައިސާއިން މުވައްޒަފުންނަށް މުސާރަދިނުމަށް ޚަރަދުނުކުރާކަން ކަށަވަރުވާންޖެހޭ ކަމަށެވެ.