މި ސަރުކާރަކީ، ބޮޑު ހިލައާއި ކޮންކްރީޓުން ތަރައްގީ މިނާ ސަރުކާރެއް ނޫން ކަމަށާއި މި ސަރުކާރަކީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަން ނުކުމެ އޮތް ސަރުކާރެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫ އަށް ވަޑައިގެން މިއަދު ހެނދުނު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ބޮޑުހިލައާއި ކޮންކްރީޓުން ތަރައްގީ މިނާ ސަރުކާރަކަށް މި ސަރުކާރު ނުވާނެ ކަމަށެވެ. މި ސަރުކާރުން ތަރައްޤީ މިނަނީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާގެ އަދަދުން ކަމަށާއި ސަރުކާރުގެ އަމާޒަކީ ރައްޔިތުން މުއްސަނދި ކުރުން ކަމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ތަރައްގީވާން ރައްޔިތުން ދޫކޮށްލައި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިދޭންޖެހޭ ކަމަށާއި މި މިނިވަންކަމާއި ޙައްޤުތަކަކީ، ހަމައެކަނި ޤާނޫނު އަސާސީގައި އެކަންކަން ބަޔާންކުރުމުން ލިބޭ މިނިވަންކަމަކާއި، ޙައްޤުތައް ނޫންކަމަށެވެ.
ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމާއި، ތަޢުލީމީ ސިޔާސަތާއި، ވައުދުތައް ގުޅިފައިވަނީ އިންސާނާ ތަރައްޤީކޮށް ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރު ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މުއްސަނދިކަމުގެ 98 ޕަސެންޓް ޙިއްޞާ ކުރަނީ ރާއްޖޭގެ އެންމެ ދެ ޕަސެންޓް ރައްޔިތުން ކަމަށާއި ގިނަ ރައްޔިތުންނަކީ ނިކަމެތިން ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދީ ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލުމަށް ސަރުކާރުން ވަޢުދުވީ ރައްޔިތުންނަށް ޤަދަރާއި ޢިއްޒަތް ރައްކާތެރިކޮށް ކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ޤާނޫނުއަސާސީ އާއި ، މިހާރުގެ ޤާނޫނުއަސާސީން މި މިނިވަންކަމާއި ޙައްޤުތައް، ރައްޔިތުންނަށް ލިބިދީފައިވާކަމަށާއި ނަމަވެސް، މީގެކުރިން ރައްޔިތުންނަށް އެ ހައްގުތައް ފުރިހަމަ ގޮތުގައި ލިބިފައިނުވާކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ކުރިއާއި މިހާރުގެ ބަދަލަކީ، ސިޔާސީޕާޓީތަކަށް ރާއްޖޭގައި ފުރުޞަތު ލިބިފައިވުން ކަމަށެވެ.