ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގެ ބާޒާރުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރެއިންބޯ އެންޓަޕްރައިސަސް އިން އަގުބޮޑު އިނާމުތަކަކާ އެކު އެ ކުންފުނީގެ "އިޔާ އެންޑް ސޭލް" މިއަދު ފަށައިފި އެވެ.

ރެއިންބޯ އިން ބުނީ އެ ސޭލްގެ މަގްސަދަކީ ރެއިންބޯ އިން ވިއްކާ މުދާ އަހަރު ނިމޭ ދުވަސްވަރާ ދިމާކޮށް ހެޔޮ އަގުތަކެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ރެއިންބޯ ލިވިންމޯލް އާއި، ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕްގެ އިތުރުން ރެއިންބޯ ތިނަދޫ އަދި ރެއިންބޯ އޮފީސް ސިސްޓަމްގައި ސޭލް ކުރިއަށްދާނެ ކަމަށެވެ.

ރެއިންބޯގެ ޖެނެރަލް މެނޭޖަރު އަބްދުﷲ އަސްލަމް 'ސަން'އަށް ވިދާޅުވީ، އެހެން ސޭލްތަކާ ހިލާފަށް ރެއިންބޯ އިޔާ އެންޑް ސޭލްގައި ތަފާތު 12 އިނާމެއް ނަސީބުވެރި ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސޯފާ ބެޑާއި، ބެޑްރޫމް ސެޓް، ކޮޓޯ ފާހަނާ ސެޓް، ޓީވީ ރެކް، އިންވާޓާ އެއާ ކޮންޑިޝަނާ، އޮޓަމެޓިކް ދޮންނަ މެޝިން، 32 އިންޗީގެ އެލްއީޑީ ޓީވީ، ސޯފާ ސެޓް އަދި އައިސް އަލަމާރި އާއި ކާމޭޒު ސެޓުފަދަ ތަކެތި ހުށަހަޅާފައިވާ ކަމަށެވެ.

"އެހެން ސޭލްތަކާ ޚިލާފަށް މިއަހަރު ސޭލްގައި އަޅުގަނޑުމެން މިވަނީ ނަސީބުވެރި 12 ފަރާތަކަށް 12 އިނާމެއް ހުށަހަޅާފައި. އެގޮތައް ނިންމުމުގެ ބޭނުމަކީ ގިނަ ފަރާތްތަކަކަށް އަގުބޮޑު އިނާމުތަކެއް ލިބުމުގެ ފުރުސަތު ފަހިކޮށް ދިނުން،" އަސްލަމް ވިދާޅުވި އެވެ.

ރެއިންބޯ އިޔާ އެންޑް ސޭލްގެ ދަށުން ރެއިންބޯގެ ފިހާރަތަކުން ކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ނަސީބު ކޫޕަނެއް ލިބޭނެ އެވެ. އެގޮތުން 1000 ރުފިޔާގެ ފިޔަފާރިއެއް ކުރައްވައިފި ނަމަ ދެ ނަސީބު ކޫޕަން ލިބޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގެ މެދާހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ އެ ސޭލްގެ ގުރު ނެގުން އޮންނާނީ 31 ޖެނުއަރީ 2015 ވާ ހޮނިހިރު ދުވަހުގެރޭ 9:30 ގައި ޗާންދަނީ މަގުގައިހުންނަ ރެއިންބޯ ލިވިންމޯގަ އެވެ.