ފާއިތުވި 40 ހަށް ވުރެ ގިނަ އަހަރު މާތްވެގެންވާ ކައުބާގެ އުރަކޮޅު ފެއްސެވި، ސައުދީ އަރަބިއްޔާގެ ޝައިޚު އަވަހާރަވެއްޖެ އެވެ.

އެމިރޭޓްސް 24 ނޫހުން އިއްޔެ ބުނެފައި ވަނީ ޝައިޚު ރަޖަބް އަލް އަސްމާނީ އަލް މާލްކީ އިއްޔެގެ ވަގުތެއްގައި އަވަހާރަވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ހޮސްޕިޓަލެއްގައި ކަމަށެވެ. އެ ނޫހުން އަދި ބުނެފައި ވަނީ އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގާތްގަނޑަކަށް ދެމަސް ދުވަސްވީފަހުން ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ނޫހަކާ ހަވާލާދީ އެނޫހުން ބުނީ، ޝައިޚު ރަޖަބް އައިސީޔޫގައި އެޑްމިޓް ކުރި ފަހުން އޭނާގެ ހާލުކޮޅު ރަނގަޅުވާން ފެށި ކަމަށާއި އެހެން ނަމަވެސް އިއްޔެ ކުއްލިއަކަށް އޭނާ އަވަހާރަވީ ކަމަށެވެ.

ފާއިތުވި 40 އަހަރު ދުވަހު ވެސް ކައުބާގެ އުރަކޮޅު ( ކިސްވާ) ފެއްސެވުމުގައި އިސްކޮށް އުޅުއްވީތީ އެ އުރަކޮޅުގެ ހުރިހާ ތަފުސީލެއް ޝައިޚު ރަޖަބަށް އެނގިވަޑައިގަންނަވައެވެ. މާތްވެގެންވާ މައްކާގައިވާ ކައުބާގެ އުރަކޮޅަކީ ކޮންމެ އަހަރެއްގެ ހައްޖު ދުވަހު ބަދަލުކުރާ އުރަކޮޅެކެވެ.