ރާއްޖޭގެ ތާރީޚާ ގުޅިފައިވާ، މާލޭ ހުކުރު މިސްކިތުގެ މުންނާރު އިސްލާމިކް މިނިސްޓްރީގެ ބެލުމުގެދަށަށް ގެނައުމަށް ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "ހުކުރު މިސްކިތުގެ މުންނާރު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ދައްނަވައިފިން، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަނަމަ އެތަން ބަލަހައްޓާނަން،" ކަމަށެވެ.

މުންނާރު ހަޑިވެފައިވާ މައްސަލައިގައި މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި "ޕްރައިވަޓައިޒް" ކުރި އިރު މުންނާރު އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ގެންގޮސްފައިވާ ކަމަށެވެ. އަދި މުންނާރާ ހަވާލުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި މުންނާރު އެގޮތަށް ހަޑިކޮށް ހުންނާތީ ހިތާމަކުރައްވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ފަތުރުވެރިންގެ ތެރޭގައި މަގުބޫލް ބިނާއެއްކަމަށްވާ މާލޭ ހުކުރު މިސްކިތުގެ މުންނާރު "ހަޑިވެ" ބާވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ މުންނާރު ކޮންމެ ފަހަރަކުވެސް އަލުން ރީތިކުރާތަން ފެންނަނީ ވަރަށް ބާވެ ހަޑިވާ ފަހުންނެވެ.

މުންނާރުގެ މަރާމާތު ކަންތަކާއި ގުޅިގެން ހެރިޓޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަލީ ވަހީދު ވިދާޅުވީ، މުންނާރުގައި އުވަ ލުމުގެ މަސައްކަތް ނުފެށިފައިވަނީ ވިއްސާރަ ވުމުގެ ސަބަބުން ކަމަށާއި ނަމަވެސް މުންނާރު މާބޮޑަށް ހަޑިވުމުން ދޮވުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އުވަލެވޭނެ ވަކި ދުވަހެއް އޭނާ ވިދާޅެއްނުވެއެވެ.

"މުންނާރުގައި މިލަނީ އުވަ. މިއީ ކުލަ ހިކޭހެން ހިކޭއެއްޗެއް ނޫން. އުވަ ހިކެން އެބަ ނަގާ 48 ގަޑިއިރު. އެހެންވީމަ މޫސުމާއި ކަންކަމަށް ބަލާފަ މަސައްކަތް ފެށޭނީ،" އަލީ ވިދާޅުވި އެވެ.

ކޮންމެ ފަހަރަކު ކުލަ ވެއްޓި ބާ ނުވަނީސް އެފަދަ ތާރީހީ ތަންތަން އާ ކުރުމަށް މަސައްކަތް ނުފަށަނީ ކީއްވެތޯ ސުވާލުކުރުމުން އަލީ ވިދާޅުވީ، ތާރީހީ ތަންތަން ހުންނާނީ "އެތަންތަން ހުންނަންޖެހޭގޮތަށް. އެއީ ލަގްޒަރީ ހޮޓަލެއް ނޫން،" ކަމަށެވެ.

އެންމެ ފަހުން މުންނާރު މަރާމާތުކޮށް ކުލަލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެކަން އެފަހަރު ކުރީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެނެވެ. އެފަހަރު މުންނާރުގައި ކުލަ ލީއިރުވެސް މުންނާރު ހުރީ ވަރަށް ބޮޑަށް ކުލަވެއްޓި ކަޅުކުލަ ހިފާފައެވެ.