ހައުސިން މިނިސްޓްރީން ހަދަމުންދާ ބަނދަރުތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބަނދަރު ހަދަން ފެށުމުގެ ކުރިންނާއި ނިމުމުންވެސް ގިނަ މަސައްކަތްތަކެއް، ކުރާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ، މަސައްކަތް ފެށުމަށް ފައިސާ ދައްކާއިރު އެ ބަނދަރުގެ ސަރަހައްދަށް ގޮސް، ސާވޭތައް ކުރާ ކަމަށާއި އަދި ބަނދަރު ހަދައި ނިމުމުގެ ކުރިންވެސް ގޮސް ސަރަހައްދުގެ ސާވޭތައް ކުރާ ކަމަށެވެ.

"މަސައްކަތުގެ ފެންވަރަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ހިމެނިގެންދާ ކަމެއް. އޭގައި ހުންނަ ސްޓޭންޑަޑް ތަކަކީ ހިމެނިފައިވާ ކަންތައްތައް. އަޅުގަނޑުމެންވެސް ބަލަމުން ދަނީ ޕޭމަންޓްތައް ދޫކުރަމުންދާއިރު. އަޅުގަނޑުމެން ގޮސް އެބަ ބަލަން. ސާވޭތަކެއް އެބަ ކުރަން. ނިންމާ އިރުވެސް ސާވޭ ކުރަން. މިސާލަކަށް ފުންމިން ހުރީ ރަނގަޅަށްތޯ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބަނދަރުގެ މަސައްކަތަކީ ބޮޑު ހަރަދުތަކެއް ކޮށްގެން ކުރާ މަސައްކަތްތަކަކަށް ވުމުން އެ މަސައްކަތްތައް ކުރިއަށް ގެންދަނީ ވީހާވެސް ބޮޑަށް ރައްޔިތުން ބޭނުންވާ ގޮތަކަށް އެ މަޝްރޫއުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.

މަރަދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ގޮސްފައިއޮތް ހިސާބާމެދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެރަށުގެ ބަނދަރަށް މިއަހަރުގެ ބަޖެޓުން ހޭދަ ނުކުރެވޭނެ ކަމަށް ވިޔަސް އަންނަ އަހަރުގެ ބަޖެޓުގައި މަރަދޫ ބަނދަރު ހިމަނާފާއިވާ ކަމަށެވެ.