ހިތާނު ޕެކޭޖުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ހިތާނު ކުރުމުގެ ޚިދުމަތް ދޭން މިއަދު ފަށާފައިވާ ކަމަށް އިންދިރާ ގާންދާ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ހިތާނުކުރުމުގެ އިންތިޒާމުތައް ހަމަޖެހި ކުރިއަށްދާނެ ކަމަށާއި މިއަހަރު ހިތާނު ޕެކޭޖުގެ ދަށުން މިއަދު ހެނދުނު 9:00 ގައި ހިތާނުކުރަން ފަށާފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ހިތާނުކުރާ ކުދިން ބޭތިއްބުމަށް ހަމަޖެހިފައި ވަނީ އެކަމަށް ހާއްސަކޮށް އެ ހޮސްޕިޓަލުން ކަނޑައަޅާފައިވާ ޖާގައެއްގައި ކަމަށެވެ.

އެގޮތުން ދުވާލަކު 12 ކުދިން ހިތާނު ކުރުމުގެ ޚިދުމަތް އެ ހޮސްޕިޓަލުން ވެސް ދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އައިޖީއެމްއެޗުން ވެސް ވަނީ ހިތާނުކޮށް ދިނުމުގެ ޚިދުމަތް އެ ހޮސްޕިޓަލުގައި ފަށާފަ އެވެ.