ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ އެންމެ ފަހު މުބާރާތް ކަމަށްވާ ޕްރެސިޑެންޓްސް ކަޕްގައި، ރޭ އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އީގަލްސް މި މުބާރަތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ރޭގެ މެޗު ވިކްޓަރީ ފަށާފައި ވަނީ ރަނގަޅު ފޯމެއްގައެވެ. އެ ޓީމުން ރަނގަޅު ޕާސިންގް ގޭމެއް ކުޅެފައި ވާއިރު، އީގަލްސް ވަނީ ކައުންޓާ އެޓޭކްތަކުގައި ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި އީގަލްސްގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) ދިން ޕާހަކުން އެ ޓީމްގެ އަހުމަދު އިމާޒް (އާއްކޮ) އުފެއްދި ހަމަލާ ވިކްޓްރީގެ ކީޕްރު އާތިފް އަހުމަދު ވަނީ ދިފާއުކޮށްފައެވެ.

ހާފްގެ މެދުތެރޭ ދެ ޓީމުންވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ ފަހު 15 މިނެޓުގައި ވިކްޓަރީގެ ޑިފެންސުން ފެނިގެން ދިޔަ މިސްޓޭކް ތަކަކާއެކު، އީގަލްސް ކުރިއަށް ޖެހިލި އެވެ. ކައުންޓާގައި ވިކްޓްރީގެ ވިންގުން އުފައްދަން މަސައްކަތް ކުރި ހަމަލާތަކުގައި އެ ޓީމަށް ގިނަ ބޯޅަތަކެއް ވަނީ ގެއްލިފައެވެ.

މެޗުގެ 42 ވަނަ މިނެޓުގައި އީގްލްސް އުފެއްދި ހަމަލާއެއްގައި އެޓީމްގެ ހަމްދާން އިބްރާހިމް ނަގައިދިން ބޯޅަ ޕެނަލްޓީ އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެ ހަސަން އަހުމަދު (ސަޑޭ) ބޮލުން ކުރިއަށް ފޮނުވާލާފައި ވާއިރު، ވިކްޓަރީގެ ކީޕަރު އާތިފް އެ ހަމަލާ ދިފާއުކުރި އެވެ.

މެޗުގެ ދެވަނަ ހާފް ދެ ޓީމުންވެސް ދާދި ހަމަހަމަކޮށް ކުޅެމުންގޮސް މެޗުގައި ލީޑް ނަގަން އީގަލްސްއަށް ފުރުސަތު ލިބިގެން ގޮސްފައި ވަނީ 56 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއިންނެވެ. އީގްލްސްގެ އާއްކޮއަށް ވިކްޓްރީގެ މަޒުހަރު އަބްދުﷲ ކުރި ފައުލަކާގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި އީގަލްސްއަށް ލީޑު ހޯދަދީފައި ވަނީ އެ ޓީމްގެ ކެޕްޓަން މެސީ އެވެ.

މި ލަނޑާއެކު ވިކްޓަރީ ޕްރެޝަރަށް ވެއްޓީ، އެ ޓީމުން ވަނީ ލަނޑެއް ކާމިޔާބު ކުރެވޭތޯ އިތުރަށް މަސައްކަތް ފެށިއެވެ. ނަމަވެސް މެޗުގައި ލިބުނު ލީޑާއެކު، އީގަލްސް ހަމަޖެހިލައި، ޑިފެންސަށް އިސްކަމެއް ދީގެން ކުޅެން ފެށި އެވެ.

މެޗުގެ ފަހުވަގުތުކޮޅު އީގަލްސް ގޭމް ކޮންޓްރޯލް ކޮށްފައި ވާއިރު، ވިކްޓަރީ ފޮވާޑް ލައިނުން ވަނީ ގިނަ ފައުލްތަކެއް ފެންނިފައެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ އެއް ލަނޑުގެ ލީޑަކާ އެކު އީގަލްސް ކުރީގައި އޮވެގެނެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުގައި ބައްދަލު ކުރާނީ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވި މާޒިޔާ ސްޕޯޓްސް ކްލަބާއި އީގަލްސްއެވެ. އެ މެޗުން މޮޅުވާ ޓީމް މުބާރާތުގެ ފައިނަލްގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާއި ބައްދަލިކުރަން ހަމަޖެހިފައި ވާއިރު، އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.