25 Nov 2014, 09:14
ވޮޝިންޓަން (ނޮވެމްބަރު 25): އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހެގްލް ގެ އިސްތިއުފާ، ރައީސް ބަރަކް އޮބާމާ ގަބޫލު ކުރައްވައިފި އެވެ.
އިސްތިއުފާ ގަބޫލު ކުރެއްވިކަން އިއުލާން ކުރުމަށްޓަކައި ހެގްލްއާއި ނައިބު ރައީސް ޖޯ ބައިޑެން އާއެކު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ، ހެގްލްއަކީ ދިފާއީ ކަންކަމުގައި މުހިއްމު ތަޖްރިބާތަކަކާއި ހުނަރުތަކެއްހުރި ބޭފުޅެއް ކަމަށާއި އޭނާގެ ދިފާއީ ވަޒީރުކަމުގައި އެމެރިކާ ސިފައިންނަށާއި ޕެންޓަގަންއަށް އަގުހުރި ޚިދްމަތްތަކެއް ކުރައްވާފައިވާ ކަމުގައެވެ. އަދި އައު ދިފާއީ ވަޒީރެއް އައްޔަންކޮށް ކޮންގްރެސްގެ ރުހުން ލިބެންދެން ދިފާއީ ވަޒީރުކަމުގެ މަގާމުގައި ޗަކް ހެގްލް ދެމިހުންނަވާނެ ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ.
އުމުރުން 68 އަހަރުގެ ޗަކް ހެގްލް އެމެރިކާގެ ދިފާއީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެ.
އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ހެގްލް ވިދާޅުވީ، އައިއެސް ޖަމާއަތުގެ ސަބަބުން އެމެރިކާއަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ނުރައްކާތަކާ ކުރިމަތިލުމަށް އޭނާއަށްވުރެ ހުނަރުވެރި އަދި މޮޅު ބޭފުޅަކު އެމެރިކާގެ ދިފާއީ ވަޒީރުކަމުގައި ހުންނަވަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާތީ ކަމުގައެވެ.
ރިޕޯޓްތައް ބުނާގޮތުން ޗަކް ހެގްލް އިސްތިއުފާދެއްވީ، އޭނާގެ ދިފާއީ ވަޒީރުކަމުގައި އެމެރިކާއަށް ލިބެމުންދާ އަސްކަރީ ނާކާމިޔާބީތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހޭގްލްގެ ނާގާބިލްކަން ހުރިކަން ފާހަގަކުރެއްވިގެން މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ބަރަކް އޮބާމާ އޭނާއަށް އިރުޝާދު ދެއްވުމާ ގުޅިގެންނެވެ. އޭނާ އެމެރިކާގެ ދިފާއީ ވަޒީރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. ހެގްލްއަކީ ވިއެޓްނާމް ހަނގުރާމައިގައި ވެސް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. (ރޮއިޓާސް)