30 Jan 2011, 12:44
ޝެއިހު އިބްރާހިމް ފަރީދު އަހުމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރާ ހުއްދަ ނެތި ދީނީ ނަސޭހަތް ދިނުމުގެ މައްސަލައިގައި ފަރީދަށް ޗިޓު ރައްދު ކުރުމަށް ދަތިތަކެއް ހުރި ކަމަށާއި މި މައްސަލައިގައި އެއްބާރުލުން ނުދީފި ނަމަ ބަންދުގައި ބަހައްޓައިގެން ނަމަވެސް ކޯޓަށް ހާޒިރު ކުރާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އަބްދުލްބާރީ ވިދާޅުވީ މި މައްސަލަ މި ބޭއްވެނީ ފުރަތަމަ އަޑުއެހުން ބޭއްވިތާ ދޮޅު އަހަރު ފަހުން ކަމަށެވެ. އަދި އޭރު އެދުނީ މައްސަލައިގައި ޖަވާބެއް ދިނުމަށް ފުރުސަތަކަށް ކަމަށާއި މިހާރު އެ ފުރުސަތު ލިބިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ފަރީދުގެ ގާނޫނީ ވަކީލު ޝަހީމް އަހުމަދު ވިދާޅުވީ މި މައްސަލަ އޭނާއަށް ލިބުނީ ވަރަށް ފަހުން ކަމަށާއި ދިރާސާ ކުރެއްވުމަށް ފުރުސަތެއް ބޭނުންވާ ކަމަށެވެ. ގާޒީ ވަނީ ވަކީލަށް އެއް ހަފްތާގެ ފުރުސަތެއް ދެއްވައިފަ އެވެ.
ފަރީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ ދީނީ ނަސޭހަތް ދިނުމާއި ވައުޒު ބުނެ އުޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުން ދީފައިވާ ހުއްދަ މާޗް 25، 2003 ގައި ބާތިލްކޮށްފައިވާ ކަމަށެވެ. އެކަމަކު ސެޕްޓެމްބަރު 19، 2007 ފެށިގެން އެ މަހުގެ 30 ހަމައަށް ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ނާވައިދޫ އާއި ނެއްލައިދޫ އާއި ހަނިމާދޫ އަށް ގޮސް އެ ރަށްތަކުގެ ގިނަ ރައްޔިތުންތަކެއްގެ ކުރިމަތީގައި ދީނީ ތަގުރީރުތައްކޮށް އިސްލާމްދީނުގެ ހުކުމް ހުކުމްތައް ބަޔާންކޮށްދީފައިވާ ކަމަށް އެ މައްސަލައިގައިވެ އެވެ.
އެހެންކަމުން ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ހ. އާއި ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ހ. ގެ ދަށުން ފަރީދުގެ މައްޗަށް ހުއްދަ ނެތި ދީނީ ނަސޭހަތް ދިނުމުގެ ދައުވާ އުފުލީ ކަމަށް އެ މައްސަލައިގައި ބުނެ އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ރާއްޖޭގައި ދީނީ ނަސޭހަތް ދީ، އިސްލާމްދީނުގެ ހުކުމް ބަޔާން ކުރަންވާނީ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށެވެ. އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މި ގާނޫނާ ހިލާފަށް އަމަލުކޮށްފި މީހެއް ނުވަތަ ކުރަން އުޅެފި މީހެއްގެ އަދަބަކީ އެ ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން ކަމަށެވެ.
ފަރީދުގެ މައްޗަށް މީގެ ކުރިން ޓެރަރިޒމްގެ ދައުވާ ވެސް ބަންޑާރަ ނައިބުގެ އޮފީހުން ކޮށްފައިވެ އެވެ. ނަމަވެސް އެ މައްސަލަ ސާބިތެއް ނުވި އެވެ. އަދި މީގެ ކުރިން އޮގަސްޓް 12-13 ގައި ވެސް ފަރީދު ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބަހައްޓާފައިވެ އެވެ.