24 Nov 2014, 23:41
މާފަންނުގައި ހަދަމުން ގެންދާ އިމާރާތެއްގެ މަތިން ވެއްޓިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ ބަންގްލަދޭޝްގެ މީހާ މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިރޭ "ސަން" އަށް ވިދާޅުވީ، އިމާރާތުގެ މަތިން ވެއްޓުނު މީހާ މަރުވެފައިވަނީ މިރޭ 10:07 ގައި ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ. އޭނާ މަރުވީ އިމާރާތުގެ މަތިން ވެއްޓިގެން އޭނާގެ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ގެންދަނިކޮށް ކަމަށް ވެސް ޒީނަތު ވިދާޅުވިއެވެ.
"އެމީހާގެ ހާލު ވަރަށް ކްރިޓިކަލްކޮށް އޮތީ، މަރުވި އިރު ވެސް އޮތީ ވެންޓިލޭޓަރުގައި، ސިކުނޑިއަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން މަރުވީ،" ޒީނަތު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ އުމުރުން 26 އަހަރުގެ ފިރިހެން މިރޭ ފަތިހުގެ ވަގުތެއްގައި ބަންގްލަދޭޝް އަށް ގެންދިއުމަށްޓަކައި އޭނާގެ ސްޕޮންސަރުން ވަނީ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ.
ހަ ބުރިއަށް އިމާރާތްކޮށްފައިވާ އިމާރާތެއްގެ މަތިން މިދިޔަ ބުރާސްފަތި ދުވަހު އެމީހާ ވެއްޓި ޖެހުނީ އެގޭގެ ދެވަނަ ފަންގިފިލާގަ އެވެ.