ސްކޫލްތައް ބަންދުވެ، އަހަރުގެ ބޮޑު ޗުއްޓީ ފެށުމާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތައް އިތުރުވެ ބޭރުގެ އުދުހުންތަކަށް ބާރުބޮޑުވެއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ ބޮޑުބަންދާ އެކު އެ އެއާލައިންގެ ދަތުރުތަކަށް ބާރުބޮޑުވެ ރިޒަވޭޝަން ކިއޫ ބޮޑުވަމުން އަންނަ ކަމަށެވެ.

ނަޝާތު ވިދާޅުވީ ޓްރިވެންޑްރަމަށް ދަތުރުކުރާ ފަރާތްތައް މިއަހަރު އާދަޔާ ޚިލާފަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އިން ފެށިގެން މިމަހު 29 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވެސް ރިޒަވޭޝަން އެއްކޮށް ފުލްވެފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.

އިންޑިއަން އެއާލައިންސް ގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ އެއާލައިން ގެ އުދުހުންތަކަށް ވެސް ރިޒަވޭޝަން ކިއޫ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އެ އެއާލައިން އިން ޖެނުއަރީ 11 އާއި ހަމައަށް ރިޒަވޭޝަން ފުލްވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އަހަރުގެ ބޮޑުބަންދާ ދިމާކޮށް އެއާލައިންތަކަށް ބާރުބޮޑުވާ ސަބަބެއް ކަމަށް ބެލެވެނީ މިއީ ރާއްޖޭގައި ކިޔަވައިދޭން އުޅޭ ޓީޗަރުންނާއި، ސްކޫލްތަކުގެ ދަރިވަރުން އަދި ބެލެނިވެރިން ޗުއްޓީ ހޭދަކޮށްލަން އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ ކަމަށެވެ.

ބޭރުގެ އުދުހުންތަކުގެ އިތުރުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ވެސް އަހަރުގެ އެހެން ދުވަސްތަކާ އަޅާ ބަލާއިރު ބާރުބޮޑުވެފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އެގޮތުން ބ. އަތޮޅުގެ ރިސޯޓުތައް ފަދަ ގިނަ ހިސާބުތަކަށް އެއާލައިންތަކުގެ ރިޒަވޭޝަން އިތުރުވެފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.