ވޭތުވެ ދިޔަ ހަފްތާގައި މާރާމާރީގެ 20 މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އިސްމާއީލް ނަވީން ވިދާޅުވީ ފޭތުވެ ދިޔަ ހަފްތާގައި މާލޭ ސިޓީގައި ހިންގާފައިވާ މާރާމާރީތަކުގެ ތެރޭގައި އެކިވަރުގެ މާރާމާރީތައް ހިމެނޭ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މާލޭތެރޭގައި ހިނގާދިޔަ ބައެއް މާރީމާރީތަކުގެ ތެރޭގައި ގ. މަހުމާގޭ ދެކުނު ގޯޅި ތެރޭގައި ގްރޫޕަކުން ހިންގި މާރާމާރީއެއްގައި 22 އަހަރުގެ ޒުވާނަކަށް ދަނގަޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލު ތެރޭގައި ވެސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ހިމެނެ އެވެ.

އެ މުއްދަތުގެ ތެރޭގައި ވައްކަމުގެ 73 މައްސަލައެއް މާލޭގައި ހިންގާފައިވާއިރު މަސްތުވާތަކެތީގެ 13 މައްސަލައަކާއި ޓްރެފިކް އެކްސިޑެންޓްގެ ދިހަ މައްސަލައެއް އަދި ފޭރުމުގެ ހަަތަރު މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

މީގެއިތުރުން މާލެ ތެރޭގައި ހިންގާ ކުއްތައް މަދުކޮށް، މާލެ ތެރޭގެ އަމާންކަން ދެމެހެއްޓުމަށް މިހާރު ވެސް ގިނަ މައްސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ނަވީން ވިދާޅުވި އެވެ.