24 Nov 2014, 22:46
ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ނެޝަނަލް ސްކައުޓް ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް އިސްމާއިލް ޝަފީގު (ސައްޕެ) އަދި ނައިބް ރައީސް ކަމުގެ މަގާމަށް އަހުމަދު އަލި މަނިކް (ކެން) އިންތިޚާބު ކޮށްފިއެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތިން ވަނަ އާއްމު ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ތާޖުއްދީން ސްކޫލުގައި މިއަދު ކުރިއަށްދިޔަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތިން ވަނަ އާއްމު ޖަލްސާގައި ނެޝަނަލް ސްކައުޓް ކައުންސިލުގެ ރައީސް އަކަށް ކުރީގެ ނެޝަނަލް ސްކައުޓް ކައުންސިލްގެ ނައިބް ރައީސް ސައްޕެ އިންތިޚާބުކުރީ 54 ވޯޓުގެ ތެރެއިން 34 ވޯޓު ލިބިގެންނެވެ.
ނެޝަނަލް ސްކައުޓް ކައުންސިލްގެ ނައިބް ރައީސް ކަމުގެ މަގާމަށް ކުރީގެ ޗީފް ކޮމިޝަނަރު އަހުމަދު އަލި މަނިކު އިންތިހާބުކޮށްފައިވަނީ 54 ވޯޓުގެ ތެރެއިން 37 ވޯޓު ލިބިގެންނެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތިން ވަނަ އާއްމު ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް ތިން އަހަރަށް ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރުގެ މަގާމަށާއި ފަސް އެޑަލްޓް ލީޑަރުން ވެސް ވަނީ އިންތިހާބު ކޮށްފަ އެވެ.
އެގޮތުން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މުއްދަތަށް ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަގާމަށް އިންތިޚާބު ކޮށްފައިވަނީ އިންޓަނޭޝަނަލް ކޮމިޝަނަރު ކަން ވޭތުވެދިޔަ ތިން އަހަރު އަދާކުރަައްވާފައިވާ ހުސައިން އަބްދުﷲ (ކެންދޫ) އަށެވެ.

ހުސައިން އަބްދުﷲ (ކެންދޫ)--- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ އިންތިހާބުގައި ކެންދޫ އިންތިހާބުކޮށްފައިވަނީ 54 މެންބަރުންގެ ތެރެއިން 28 ވޯޓު ލިބިގެންނެވެ.
ނެޝަނަލް ސްކައުޓް ކައުންސިލަށް އިންތިހާބުކުރި ފަސް އެޑަލްޓް ލީޑަރުންނަކީ އިސްމާއިލް މަޝްރޫފާއި އަބްދުލް ރައްޒާގު މުހައްމަދާއި ހުސައިން މުހައްމަދު ހަނީފާއި މުހައްމަދު އިބްރާހިމް އަދި ސައިފް އަޒުހަރެވެ.