30 Jan 2011, 12:32
ޒިނޭކޮށްގެން ހައްދު ގާއިމް ކުރުމަށް ހުކުމްކޮށްފައިވާ އެމްޑީޕީގެ ކެންޑިޑޭޓާއި ހިޔާނާތްވެގެން ހުކުމްކޮށްފައިވާ ހަމަ އެ ޕާޓީގެ ކެންޑިޑޭޓުގެ ނަން ބާތިލު ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް އެ ދެ މީހުންގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުން ދައުވާ ކޮށްފައި ވަނީ ހދ. ނޮޅިވަރަމް ރަށު ކައުންސިލަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓު އެރަށު މުމުހު، މުހައްމަދު މުސްތަފާގެ މައްޗަށާއި ލ. ފޮނަދޫ ކައުންސިލަށް ކުރިމަތިލި އެރަށު މާވަނި އަލީ އަބްދުﷲގެ މައްޗަށެވެ.
މުސްތަފާގެ މައްޗަށް ކުރާ ދައުވާ ހުށަހަޅުއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު ހަސަން އާމިރު ވިދާޅުވީ މީގެ ކުރިން 2001 ވަނަ އަހަރު މުސްތަފާ ޒިނޭ ކުރި މައްސަލެއެއްގައި 100 އެތިފަހަރުން ހައްދު ޖަހައި އެއް އަހަރަށް އަރުވާލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. އަދި މިކަން ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ސާބިތުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ ނަންބަރުގައިވާ ގޮތުން މުސްތަފާއަށް އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވަކީލު އެދިވަޑައިގަތެވެ.
މުސްތަފާގެ ފަރާތުން އޭނާގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ މުސްތަފާ ނޮޅިވަރަމް ރަށު ކައުންސިލަށް ކުރިމަތިލާފައި ވަނީ ރަނގަޅަށް ގާނޫނު ނޭނގި ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެދޭ ގޮތަށް އޭނާގެ ނަން ބާތިލް ކުރިއަސް އިއުތިރާޒެއް ނެތް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އަލީ އިބްރާހިމްގެ މައްޗަށް ކުރާ ދައުވާ ހުށަހަޅުއްވަމުން އިލެކްޝަންސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން މައާޒް ޝަރީފް ވިދާޅުވީ އަލީ އަބްދުﷲގެ ނަމުގައި ކުށުގެ ރެކޯޑަކާއި އަލިމަނިކުގެ ނަމުގައި ކުށުގެ ރެކޯޑެއް އޮތް ކަމަށެވެ. އަދި މި ދެ މީހުންނަކީ ވެސް އެކަކު ކަމަށާއި އެ ތިން މައްސަލައިގެ ތެރޭގައި ހިޔާނާތްވުމުގެ ދެ މައްސަލައެއްގައި އަލީ އިބްރާހިމްގެ މައްޗަށް ހުކުމްކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ ނަންބަރުގައިވާ ގޮތުން މުސްތަފާއަށް އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވަކީލު އެދިވަޑައިގަތެވެ.
އަލީ އިބްރާހިމްގެ ފަރާތުން ވެސް ވަކާލާތު ކުރެއްވި ހަސީން ވިދާޅުވީ އަލީ އިބްރާހިމް ވެސް އިންތިހާބަށް ކުރިމަތިލާފައި ވަނީ ގާނޫނު ރަނގަޅަށް ނޭނގި ކަމަށެވެ. އަދި އޭނާގެ ނަން ބާތިލް ކުރުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.