24 Nov 2014, 18:13
ވިލިމާލެއަށް ދަތުރުދާ މީހުންގެ ތަކެތި ވަގަށްނަގާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޗީފް ސުޕްރިންޓެންޑެންޓް އިސްމާއީލް ނަވީން ވިދާޅުވީ، ވިލިމާލެއަށް ދަތުރުދާ މީހުންގެ ތަކެތި ވަގަށްނެގުން އިތުރުވެފައިވާތީ ދަތުރުދާ މީހުން ވެސް އެ ސަރަހައްދުގައި ބަހައްޓާތަކެތި ބަލަހައްޓާނެ މީހަކު ބެހެއްޓުމަށްފަހު ނޫނީ މޫދަށް އެރިއުޅުން ފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
"އެހެންވީމަ ވިލިމާލެއަށް ސްކޫލް ބަންދުތަކުގެ ތެރޭގައި ވެސް ދުރުވާ ފަރާތްތަކަށް އަޅުގަނޑު އިލްތިމާސްކުރަން، އަނގުބޮޑު ތަކެތި ގެންދަވާ ކަމަށްވަންޏާ، ޚާއްސަކޮށް ފޯނު ފަދަ އެއްޗިހި ގެންދަވާކަމަށް ވަންޏާ، އެ އެއްޗިހި ބަލާނެ ފަރާތެއް، ރައްކާކުރެވޭނެ ގޮތެއް ހޯއްދަވާފަ ނޫނީ އެ ސަރަހައްދުގައި މީހަކު ހަވާލުވެގެން [ހުރުން ނޫން ގޮތަކަށް] އެއްވެސް ގޮތަކަށް [ތަކެތި] ދޫކޮށްލާފަ މޫދަށް ނުދިޔުމަށް ކުޅިވަރު ނުކުޅުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ނަވީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކާ ގުޅިގެން ދޭތެރެދޭތެރެއިން މީހުން ހައްޔަރުކުރާ ކަމަށާއި ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ހޯދައި އޭގެވެރިފަރާތާ ވެސް ހަވާލުކޮށްފައިވާނެ ކަމަށެވެ.
"ދޭތެރެދޭތެރެއެއިން މީސް މީހުން ވެސް ހައްޔަރު ކުރެވޭ. އަޅުގަނޑު މި ފާހަގަކޮށްލީ މިކަންކަން ތަކުރާރު ވަނީ ގެންދާ އެއްޗިއްސަށް އެ ފަރާތަކުން ބޮޑަށް ސަމާލުކަން ނުދޭތީ،" ނަވީން ވިދާޅުވިއެވެ.
ވިލިމާލޭގައި ފުލުހުން ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން ނަވީން ވިދާޅުވީ ކުށް މަދު ކުރުމުގެ ޕްރޮގްރާމްތަކެއް ވިލިމާލޭގައި މިހާރު ފަށާފައިވާ ކަމަށާއި އެކަމަށް އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.