އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޕާޓީތަކުން ފިނޭންސް މިނިސްޓަރާއި އެ މިނިސްޓްރީގެ ބޭފުޅުންނާއެކު މަޝްވަރާ ކުރަން ނިންމައިފި އެވެ.

މިގޮތަށް މިކަން ނިންމާފައި ވަނީ މިއަދު ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމެއްގައި އެވަގުތު ކޮމިޓީގައި ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނެވެ. ބަޖެޓު ކޮމިޓީގައި މި ހުށަހެޅުން ހުށަހަޅުއްވަމުން ވިލުފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ، ބަޖެޓު ކޮމިޓީގައި ތިބި ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ހިޔާލުތަކާއެކު މީގެ ކުރިންވެސް މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ދިޔަ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެގޮތުން ރޭ ފިނޭންސް މިނިސްޓަރު ޖިހާދުއާ އެކު ބޭއްވި ބައްދަލުވުމެއްގައި ޕާޓީތަކުގެ ހުރިހާ މެމްބަރުންގެ ދާއިރަތަަކަށް މަޝްރޫއުތައް ބެހިފައިވާ ގޮތް މިހާރު ޕާޓީތަކުގެ ލީޑަރުންގެ އަތްޕުޅަށް އެރުވިފައިވާ ކަމަށެވެ.

"ރޭގަ އަޅުގަނޑުމެން ވާނީ ފިނޭންްސް މިނިސްޓަރާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި. އެ ބައްދަލުވުމުގައި މަޖިލީހުގެ ހުރިހާ މެމްބަރުންގެ ދާއިރާތަކަށް މަޝްރޫއުތައް ބެހިފައިވާ ގޮތުގެ ތަފްސީލެއް ޕާޓީތަކުގެ ލީޑަރުންގެ އަތްޕުޅަށް ވާނީ އެރުވިފައި،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ޕާޓީތަކުގެ ލީޑަރުން ބަޖެޓަށް ބައެއް ކުދިކުދި ބަދަލުތައް ގެންނަން ބޭނުންވާ ކަމަށެވެ. ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއް ދެން ބޭއްވޭނީ ނުވަތަ ބަޖެޓު ކޮމިޓީގެ މަސައްކަތްތައް ދެން ކުރިއަށް ގެންދެވޭނީ ޕާޓީތަކުގެ ލީޑަރުންނާއިއެކު އަނެއްކާވެސް ނުރަސްމީކޮށް ބައްދަލުވުމެއް ބާއްވައިގެން ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދުއާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕާޓީތަކަށް ޕީއެސްޕީގެ 6.2 ބިލިއަން ރުފިޔާގެ ތެރެއިން ޕީޕީއެމްގެ މެމްބަރުން ހިމެނޭ ދާއިރާތަކަށް 1.3 ބިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފައި އެވެ. އެމްޑީޕީގެ މެމްބަރުން ހިމެނޭ ދާއިރާތަކަށް 775 މިލިއަން ބަޖެޓު ކުރެވިފައިވާއިރު ޖުމްހޫރީ ޕާޓީގެ މެމްބަރުން ހިމެނޭ ދާއިރާތަކަށް ވަނީ 446 މިލިއަން ކަނޑައަޅާފައި އެވެ. އެމްޑީއޭގެ މެމްބަރުން ހިމެނޭ ދާއިރާތަކަށް 220 މިލިއަން ކަނޑައަޅާފައިވާއިރު އަދާލަތު ޕާޓީގެ މެމްބަރުން ހިމެނޭ ދާއިރާތަކަށް ކަނޑައަޅާފައިވަނީ 39 މިލިއަނެވެ. އަދި މިނިވަން އެއް މެމްބަރު ހިމެނޭ ދާއިރާއަށް 40 މިލިއަން ވަނީ ކަނޑައަޅާފައި އެވެ.