30 Jan 2011, 10:23
ޏ. ފުވައްމުލަކުގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދިންތާ 24 ގަޑިއިރު ވެސް ނުވަނީސް އިތުރު މީހަކަށާއި ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 10 ޖަހާ އެހާކަންހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައި ވަނީ އުމުރުން 21 އަހަރުގެ ކުއްޖަކާއި އުމުރުން 17 އަހަރުގެ ކުއްޖަކަށް ކަމަށެވެ. އެމައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި ދެ ކުދިންނަށް ވެސް ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
އިއްޔެ ރޭ ވެސް ފުވައްމުލަކުގައި ވަނީ އުމުރުން 20 އަހަރުގެ ޒުވާނަކަށް ވެސް ހަމަލާދީ ޒަޚަމް ކޮށްލައިފަ އެވެ. އަދި އެ ޒުވާނާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަނީ ވަޅި ހަރައިފަ އެވެ. އެގޮތުން އޭނާގެ ކޮނޑަށާއި ވާތްފަރާތުގެ މޭކަށިގަނޑުގެ ތިރި އަށް ވަނީ ވަޅި ހަރައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ވެސް ވަނީ ތިން މީހަކު ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.