ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި މުޒާރާހާ ކުރާ އެތަށް ލައްކަބަޔަކު ކޮންޓްރޯލް ކުރުމުގައި މިސްރުގެ ސަލާމަތީ ބާރުތައް ނާކާމިޔާބުވެ ޤާހިރާއާއި މިސްރުގެ ބޮޑެތި ރައްތަކުގައި އަމްނު ގެއްލި ވައްކަމާއި ލޫޓުވުމާއި ތަންތަނުގައި ހުޅުޖެހުން ޢާންމުވެއްޖެއެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރާ މީހުން ބުނާގޮތުގައި ތަންތަނުގައި ހުޅުޖެހުމާއި ވައްކަމާއި ލޫޓުވުމުގެ ޢަމަލުތައް ހިންގަމުން ގެންދަނީ ޖަލުތަކުން ދޫކޮށްލި ކުށްވެރިންނާއި މުޖްރިމުންނެވެ. މިއީ މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލުމަށްޓަކައި މުޒާހަރާކުރާމީހުންގެ ބޮލުގައި މިފަދަ ޢަމަލުތައް ހިންގާކަމުގެ ލޭބަލްޖެހުމަށް ސަރުކާރުން ކުރިކަމެއް ކަމަށް މިސްރުގެ އިދިކޮޅުފަރާތްތަކުން ބުނެއެވެ.

މުޒާހަރާކުރާ މީހުން ގެންދަނީ އިސްލާޙް ގެނައުމުގެ ވަގުތު މުބާރަކަށް ފާއިތުވެގެން ހިނގައްޖެ ކަން ހާމަކުރަމުން މުބާރަކަށްއޮތީ ވެރިކަން ދޫކޮށްލައްވާފައޮ ޤައުމުން ފިއްލެވުން ކަމަށް ގޮވާލާ ޝިޢާރުތައް އުފުލަމުންނެވެ. މިސްރުގެ ވެރިކަމުގެ ނިޒާމަށް މުބާރަކް އިއްޔެ ގެންނެވި ބަދަލުތައް ރައްޔިތުންވަނީ ބަލައި ނުގެންފައެވެ. މުބާރަކް ގެންނެވި ބަދަލުތަކުގެ ތެރޭގައި ނައިބު ރައީސަކަށް ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް ޢުމަރު ސުލައިމާން ޢައްޔަން ކުރެއްވުމާއި އާ ބޮޑުވަޒީރަކަށް ސިވިލްއޭވިއޭޝަން މިނިސްޓަރ އަޙްމަދު ޝަފީޤު ހަމަޖެއްސެވުން ހިމެނެއެވެ. މިދެބޭފުޅުންނަކީވެސް ޢަސްކަރީ ތަޢްލީމާއި ޢަސްކަރީ ތަޢްލީމް ޙާސިލްކުރައްވައިގެން ތިއްބެވި ޖެނެރަލުންނެވެ.
ޤާހިރާއާއި އިސްކަންދަރިއްޔާގެ ބޮޑެތި ބައެއް ޢިމާރާތްތަކުގައި ޖަހާފައިވާ ހުޅުގަނޑުތައް ނިއްވާނެފަރާތެއްނެތި އަނދަމުންދާ ކަމަށް އަލްޖަޒީރާ ބުނެއެވެ. ފިހާރަތަކާއި ބައެއް މުއައްސަސާތައް ލޫޓުވާލެވެމުންދާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ރައްޔިތުންވަނީ އެމީހުންގެ އަމިއްލަ ދިފާޢަށާއި ސަލާމަތަށް ޓަކައި ރައްޔިތުންގެ ސަލާމަތީ ކޮމިޓީތައް އަމިއްލައަށް އުފައްދައިގެން އަމްނު ބަލަހައްޓަން ފަށާފައެވެ. މިސްރުގެ ވަރަށް ގިނަ ސަރަޙާއްދުތަކުން ސަރުކާރުގެ ކޮންޓަރޯލްވަނީ ގެއްލިފައެވެ. އެހެންކަމުން މުބާރަކްގެ ވެރިކަން ދާދިއަވަހަށް ވެއްޓިދާނެ ކަމުގެ ހުރިހާ ޢަލާމާތްތަކެއް މިހާރުދަނީ ފެންނަމުން ކަމަށް މިސްރުންލިބޭ ޚަބަރުތައް ބުނެއެވެ.

އިސްރާއީލުގެ ޑިޕްލޮމޭޓުންވަނީ އިއްޔެގެ ވަގުތެއްގައި މިސްރުން ފިލާފައެވެ. އަދި އެމެރިކާގެ ޑިޕްލޮމޭޓުންނާއި ހުޅަނގުގެ އެހެން ޑިޕްލޮމޭޓުންވެސް މިސްރު ދޫކޮށްދާންފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ މިސްރުގެ ކަންތައްތަކާބެހޭގޮތުން އެމެރިކާގެ އިސްފަރާތްތަކާއެކު ވައިޓް ހައުސްގައި ރޭގައި ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް މިސްރުގެ ކަންތައްތައް ދާނެގޮތެއް އަންދާޒާކުރަން އެމެރިކާއަށް ނޭންގޭ ކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާވަނީ މިސްރުގެ ވެރިކަމާ ދެކޮޅަށް ތެދުވާ ޢާންމު ރައްޔިތުންނާއި ރައީސް ޙުސްނީ މުބާރަކްގެ ޚުދުމުޚްތާރު ނިޒާމާދެމެދު ތާށިވެފައެވެ.

މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ދެމެހެއްޓޭނެކަމުގެ އުންމީދު އެމެރިކާއަށް ގެއްލިފައިވީ ނަމަވެސް ރައްޔިތުންގެ ކޮޅަށް ޖެހުމަށް އެމެރިކާއާއި ޔޫރްޕްގެ ބާރުތައް އަދިވެސްދަނީ ފަސްޖެހެމުންނެވެ.