ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެންނަން ޝަރީފް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރާއި އެކު ތިބެންވާނީ ފަސް މެމްބަރުން ކަމަށެވެ.

ޝަރީފް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ގާނޫނަށް އަމަލުކުރާތާ 90 ދުވަސް ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ހައި ކޯޓުގެ ދެ ގޮފި ގާއިމް ކުރަން ޖެހެއެވެ. އަދި އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ބިލުގައި ބުނެފައިވާ ގޮތުގައި ހައި ކޯޓުގެ ގޮފިތައް ގާއިމް ކުރާނެ ސަރަހައްދު ތަކަކީ ކޮބައިކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ނެވެ. އަދި ހަމަ އެހެންމެ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ވެސް ސުޕްރީމް ކޯޓުގެ ޒިންމާއެކެވެ.

މި ބިލްގެ ފުރަތަމަ ކިއުން މިއަދު އިއްވި ނަމަވެސް ބިލަށް ބަހުސް ކުރަން އަދި ފަށާފައެއް ނުވެ އެވެ.