30 Jan 2011, 09:18
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތުން ހިތްވަރު ހޯއްދަވާނެ ކަމަށާއި، ރާއްޖޭގެ ތަޖުރިބާއިން ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބިވަޑައިގަންނަވާ ކަމުގައި، މިޞްރުގެ ވާދަވެރި ލީޑަރު މުޙަންމަދު އަލްބަރާދޭ ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ ކުރީގެ ވެރިޔާ ޑރ. މުހައްމަދު އަލް ބަރާދޭ މިހެން ވިދާޅުވީ މިސުރުގެ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެންނާއި މިހާރުގެ މަސްރަޙާމެދު ކަންބޮޑުވުން ފާޅު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަލްބަރާދޭ އަށް ފޯނުން ގުޅުއްވުމުންނެވެ.
އަލްބަރޭދޭ އާއެކު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިޞްރު ސަރުކާރުން، މުޙަންމަދު އަލްބަރާދޭ ބަންދުގައި ބަހައްޓަވާފައިވާތީ،އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، އަލްބަރާދޭއަށް ހިތްވަރު ދެއްވިއެވެ. އަދި ދިވެހިންނަކީ، އަބަދުވެސް ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ލޯބިކުރާ ބައެއްކަން ފާހަގަކުރައްވަމުން، ދިވެހިން ތިބީ މިޞްރުގައި ޞުލްޙަވެރިކަމާއެކު މިނިވަންކަމަށް މަސައްކަތް ކުރާ ހުރިހާ ރައްޔިތުންނާއެކުގައި ކަމަށް ވިދާޅުވިއެވެ.
މުޙަންމަދު އަލްބަރާދޭ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށްހިތްވަރުދެއްވީތީ ރައީސް ނަޝީދަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މިޞްރުގައި މިނިވަންކަމަށް މަސައްކަތްކުރާ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށްޓަކައި ވެސް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ވަރަށް ގިނަ ބައެއްގެ މަސައްކަތުން، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރެވިފައިވާތީ، ރައީސަށާއި ދިވެހިންނަށް މަރުޙަބާ ވިދާޅުވިއެވެ.