ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސްޓޭންޑިން ކޮމިޓީގެ 41 ވަނަ ޖަލްސާ މިއަދު ފަށައިފި އެވެ.

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މިއަދު ފެށި ޖަލްސާގައި އެ ކޮމެޓީގެ ރިޔާސަތު ވަނީ ނޭޕާލާ ހަވާލުކޮށްފައެވެ. އެއީ 18 ވަނަ ސާކް ސަމިޓް ބާއްވަނީ އެގައުމުގައި ކަމަށް ވާތީ އެވެ.

ރާއްޖޭގެ އައްޑޫސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ފަހު މިއަދާ ހަމައަށް އެ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓީ ރާއްޖޭންނެވެ. ނޭޕާލުގެ ވަފުދުގެ ވެރިޔާއާއި ރިޔާސަތު ހަވާލުކުރެއްވުމުގެ ކުރިން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ދެއްވި އެއްބާރުލުމަށް ޓަކައި ސާކްގެ އެހެން ގައުމުތަކަށް ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސްޓޭންޑިން ކޮމިޓީގެ ޖަލްސާގައި ސާކްގެ އަށް ގައުމުގެ ފޮރިން ސެކްރެޓަރީން ގިނަ ކަންތައްތަކާއި މެދު މަޝްވަރާކުރައްވާނެއެވެ. އެގޮތުން ސަރަހައްދީ ގުޅުމާއި އިގުތިސާދާއި ފަގީރުކަން ނައްތައިލުން ފަދަ ކަންތައްތަކާ މެދު މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.

ސާކް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވަޑައިގަންނަވާ ސާކް ސަމިޓް ފެށުމުގެ ކުރިން އޮންނަ ބައްދަލުވުންތަކުގެ ތެރެއިން، ސްޓޭންޑިން ކޮމިޓީގެ ބައްދަލުވުމަށް ފަހު ދެން އޮންނާނީ ސާކްގެ މިނިސްޓަރުންގެ ކައުންސިލްގެ ބައްދަލުވުމެވެ. އެބައްދަލުވުމާއި ސާކް ސަމިޓްގައި ބައިވެރިވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެމިނިސްޓްރީގެ އެހެން ބައެއް އިސް ބޭފުޅުން މިހާރު ވަޑައިގެން ތިއްބެވީ ކަތުމަންޑޫގައެވެ.