24 Nov 2014, 11:24
ރާއްޖޭގެ ބައެއް ރަށްރަށުގައި ދީނީގޮތުން ހިޔާލުތަފާތުވެ ވަކި ޖަމާއަތްތައް ހަދައިގެން އުޅޭތީ އެކަން ހުއްޓުވުމަށް އެ ރަށްރަށަށް އިލްމުވެރިން ފޮނުވައިގެން ނަސޭހަތް ދިނުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖީލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އެގޮތަށް ވަކިން ޖަމާއަތް ހަދައިން އުޅޭ މީހުންނަށް ފުރަތަމަ ދެއްވަނީ ނަސޭހަތް ކަމަށާއި އެއަށްފަހު އިސްލާހު ނުވެއްޖެނަމަ ގާނޫނުގައި ވާ ގޮތައް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ރާއްޖޭގެ ބައެއް ރަށްރަށުގައި އަމިއްލަ ޖަމާއަތް ހެދުމާއި މިބާވަތުގެ އަމަލުތައް ކުރަމުން އެބަދޭ. އަޅުގަނޑުމެންގެ ފަރާތުން ދީނީ އިލްމުވެރިން އެތަންތަނަށް ފޮނުވައިގެން ބައްދަލުކޮށް ނަސޭހަތް ދިނުމުގެ ޕްރޮގްރާމް ތަކެއް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ނަސޭހަތް ބިނާވެފައި މި އޮންނަނީ ފުރަތަމަ ނަސޭހަތް ދިނުމަށް. އެއީ ރަނގަޅު ނޫން ފިކުރުތަކެއް ކަން ބުނެދިނުން. އެއަށްފަހު ބަދަލެއް ނުވެއްޖެނަމަ އެމީހުންނާ މެދު ގާނޫނުގައި އޮތްގޮތަށް ފިޔަވަޅު އެޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އަދުގެ ސަރުކާރުން ރައްޔިތުންގެ މެދުގައި އެއްބައިވަންތަ ކަމާއި އަގީދާ ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ގުރްއާން ހިތުދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަންތައް ކުރުމަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރަށްރަށުގެ ކުދިންނަށް ގުރުއާން އުނގަންނައި ދިނުން ހިމެނޭ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
އިރާގާއި ސޫރިޔާ އަދި އަރަބި އެހެން ގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ހަރުކަށި ފިކުރުގެ އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ އާޖަމާއަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމު ވިދާޅުވީ، އެފަދަ ޖަމާއަތްތަކުގެ ހަރުކަށި ފިކުރުތަކާއި އުސޫލުތަކަށް މިނިސްޓްރީން ތާއީދު ނުކުރާ ކަމަށެވެ. ދުނިޔޭގައި ހިނގާ ހަނގުރާމަތަކުގައި އައިސިސް އާ ގުޅިގެން ދިވެހިން އުޅޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.