24 Nov 2014, 10:31
ރާއްޖޭގެ ތާރީޚާ ގުޅިފައިވާ އަދި ފަތުރުވެރިންގެ ތެރޭގައި ވަރަށް މަގުބޫލް ބިނާއެއްކަމަށްވާ މާލޭ ހުކުރު މިސްކިތުގެ މުންނާރު "ހަޑިވެ" ބާވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ސަންގެ ނޫސްވެރިން މުންނާރު ހުންނަ ސަރަހައްދަށް ގޮސް ބެލިއިރު މުންނާރުގެ ކުލަ ވަރަށް ބޮޑަށް ބާވެފައިވާ ތަން ވަނީ ފެނިފައެވެ. ތާރީހީ އެ ބިނާގައި ކުލަ ވެއްޓި ވަނީ ވަރަށް ބޮޑަށް ބާވެފައެވެ. އެތަނަކީ ބަޔަކު އަޅައިނުލާ ތަކެނޭ އެއްފަދައެވެ.
ހުކުރު މިސްކިތުގެ މުންނާރު އެގޮތަށް އަޅައިނުލާ ހުރުމުގެ ސަބަބުން ސޯޝަލް މީޑިއާގައިވެސް އެތައް ބަޔަކު ދަނީ އެކަމަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ.

ފަތުރުވެރީން ގޮވައިގެން ހަރަކާތްތެރިވާ ފަރާތްތަކާއި ސުވާލުކޮލުމުން އެމީހުން ބުނީ މުންނާރުގެ ކުލަ ބާވެފައިވާތީ އެތައް ފަތުރުވެރީންނެއް ޝަކުވާ ކުރާ ކަމަށެވެ. ދިވެހިން ތާރީހީ ކަންކަމަށް ސަމާލުކަން ނުދޭކަމަށް ބައެއް ފަތުރުވެރީންނަށް ފާހަގަކުރެވޭ ހިސާބަށް އެކަން ވަނީ ގޮސްފައިކަމަށް ބައެއް މީހުން ބުންޏެވެ.
"މުންނާރު ބާވުމާއި އެތަނުގައި ހުންނަ މަހާނަ ގާތައް ބާވުމުގެ ޝަކުވާއަކީ ޓޫރިސްޓުން ވަރަށް ބޮޑަށް ކުރާކަމެއް،" ޓުއަ ގައިޑެއްކަމަށްވާ މުހައްމަދު ޝިޔާމު ބުންޏެވެ.
މީގެ ކުރިން މުންނާރު ބެލެހެއްޓީ ސިޓީ ކައުންސިލުން ކަމަށްވާއިރު ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ސަރީފު ވިދާޅުވީ، މުންނާރު އެހެން ހުންނާތީ ސިޓީ ކައުންސިލުންވެސް ކަންބޮޑުވާ ކަމަށާއި މުންނާރު މިހާރު ހުރީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ދަށުގައި ކަމަށެވެ.
މުންނާރުގެ މަރާމާތު ކަންތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި ހުންނަ ހެރިޓޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަލީ ވަހީދު ވިދާޅުވީ، މުންނާރުގައި އުވަލުމުގެ މަސައްކަތް ނުފެށިފައިވަނީ ވިއްސާރަ ވުމުގެ ސަބަބުން ކަމަށާއި ނަމަވެސް މުންނާރު މާބޮޑަށް ހަޑިވުމުން ދޮވުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އުވަލެވޭނެ ވަކި ދުވަހެއް އޭނާ ވިދާޅެއްނުވެއެވެ.
"މުންނާރުގައި މިލަނީ އުވަ. މިއީ ކުލަ ހިކޭހެން ހިކޭއެއްޗެއް ނޫން. އުވަ ހިކެން އެބަ ނަގާ 48 ގަޑިއިރު. އެހެންވީމަ މޫސުމާއި ކަންކަމަށް ބަލާފަ މަސައްކަތް ފެށޭނީ،" އަލީ ވިދާޅުވި އެވެ.
ކޮންމެ ފަހަރަކު ކުލަ ވެއްޓި ބާނުވަނީސް އެފަދަ ތާރީހީ ތަންތަން އާ ކުރުމަށް މަސައްކަތް ނުފަށަނީ ކީއްވެތޯ ސުވާލުކުރުމުން އަލީ ވިދާޅުވީ، ތާރީހީ ތަންތަން ހުންނާނީ "އެތަންތަން ހުންނަންޖެހޭގޮތަށް. އެއީ ލަގްޒަރީ ހޮޓަލެއް ނޫން،" ކަމަށެވެ.
އޭނާ ވިދާޅުވީ، މުންނާރު މާބޮޑަށް ކުލަ ވެއްޓުނީ ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން މުންނާރު ހަދާފައިވާ ހިރިގާ ތަކުގެ ތެރެއަށް ފެންވަނުމުގެ ސަބަބުން ކަމަށެވެ.

މުންނާރު ހަޑިވެފައިވާ މައްސަލާގައި މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި "ޕްރަވަޓައިޒް" ކުރި އިރު މުންނާރު އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ގެންގޮސްފައިވާ ކަމަށެވެ. އަދި މުންނާރާ ހަލާލުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި މުންނާރު އެގޮތަށް ހަޑިކޮށް ހުންނާތީ ހިތާމަކުރައްވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
އެންމެ ފަހުން މުންނާރު މަރާމާތުކޮށް ކުލަލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެކަން އެފަހަރު ކުރީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެނެވެ. އެފަހަރު މުންނާރުގައި ކުލަލީއިރުވެސް މުންނާރު ހުރީ ވަރަށް ބޮޑަށް ކުލަވެއްޓި ކަޅުކުލަ ހިފާފައެވެ.